ބޭންކް އޮފް މޯލްޑިވްސް

ހުރިހާ ރަށެއްގައި މި އަހަރު އޭޓީއެމް ގާއިމުކުރަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު އޭޓީއެމް ގާއިމު ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި 250 އަށްވުރެ ގިނަ ސެލްފް ސާވިސް އޭޓީއެމް ގާއިމުކުރެވޭނެ ކަމަށެވެ.

ޝަރީފް ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ސަރުކާރުން ފެށި މަޝްރޫއަކީ މުހިންމު ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އާބާދީ ކިތަންމެ ކުޑަ ރަށަކުންވެސް ބޭންކްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް އޭޓީއެމް ގާއިމުކުރުމުން ހައްލު ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެ ގޮތުން މިއަދު ހަތް ރަށެއްގައި ބީއެމްއެލް އިން ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފަށާނެ އެވެ.