އެމްޑީޕީ

އެމްޑީޕީން ނަޝީދަށް ރައްދު ދީފި

Dec 19, 2022

އެމްޑީޕީގެ ދަފްތަރުގެ ސައްހަކަމާ ދޭތެރޭ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފެއްދެވުމާ ގުޅިގެން އެމްޑީޕީން ރައްދު ދީފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުން ކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ މީހަކަށް އެމްޑީޕީގެ މެމްބަރަކަށް ވުމަށް މަރުހަބާ ކިޔާނެ ކަމެކެވެ.

ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ ޕާޓީން އިސްކަންދޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އެމްޑީޕީ އަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއަކަށް ވާތީ ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ނަމަވެސް ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ. މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެކެވެ.،" ނަޝީދަށް ރައްދުދީ ބުނެފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާނަމަ ޕާޓީގެ މެމްބަރުކަން ބާތިލުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ނ) ގައި "އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ" ކަމަށް ބުނެފައިވެ އެެވެ.

ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް މިދިޔަ މެއި 29 ވަނަ ދުވަހު ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ މިވަގުތު އެމްޑީޕީން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރު ކަމަށް ބެލުމަށް ކަމަށް ފާހަގަކޮށްފައިވެ އެވެ. ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށްވެސް ގަރާރުގައި އޮންނާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް އެ ކެމްޕޭންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭ ކަމަށް އޭރުވެސް ވިދާޅުވި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާތީ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެންނަށް ފުރުސަތު ހުޅުވާލާފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.