ޑރ. އަބްދުﷲ މުއްތަލިބް

ބުރިޖުގައި ލޭނެއް މަދުކަމަށް ބުނެ ހަދަނީ ދޮގެއް: މުއްތޮލިބު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަދާފައިވާ ސިނަމާލެ ބުރިޖްގައި އެއްލޭނު މަދުކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ ތަކެއް ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު މިހެން ވިދާޅުވީ ސިނާމާލެ ބުރިޖުގެ މަސައްކަތް ނިންމާފައިވަނީ ފަރުމާއާއި އެއްގޮތަށް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓްގައި މިނިސްޓަރު ވަނީ ސިނަމާލެ ބްރިޖް މަޝްރޫއު އިފްތިތާހުކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯވެސް ހިއްސާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސިނަމާލެ ބުރިޖުގައި ލޭނެއް މަދު ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތެއް ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މަޝްރޫއު މުޅިން ފުރިހަމަކޮށް، ބޭނުންކުރަން ފަށާފައިވަނީ މަޝްރޫއުގެ ފައިނަލް ކުރެހުންތަކަށް އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށެވެ.

މި ވީޑިއޯގައި ބުރިޖުގެ ފައިނަލް ޑިޒައިނާއި ބުރިޖު ނިމުމުން އޮންނާނެ ގޮތުގެ އެނިމޭޝަނެއް ހިމެނެ އެވެ.

ވީޑިއޯއިން ފެންނަގޮތުގައި ބުރިޖުގައި ހިމެނެނީ ކޮންމެ ފަރާތެއްގައި ދެ ލޭނާ އެކު ޖުމްލަ ހަތަރު ލޭނާއިި ބްރިޖްގެ ދެ ފަޅިން ހިނގާ މީހުންނަށް ހާއްސަކޮށްފައިވާ ވޯކްވޭ އެކެވެ.

މުއްތަލިބު ކުރެއްވި ޕޯސްޓާ އެކު ކުރެހުމުގައި ވަނީ ކިތައް ލޭނުތޯ އާއި އަދި ކުރެހުމާ ހިލާފަށް ކުރައްވާފައިވަނީ ކޮން ކަމެއްތޯ އަމިއްލަފުޅަށް ބައްލަވާލެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމުނު ދުވަސްވަރުވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުރިޖުގައި އެއް ލޭނު މަދު ކަމަށް ބުނެ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.