ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.
ސޯލްޓް ކެފޭ ހިންގާ ޝައިންޓްރީ ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މިބައްދަލުުވުމުގައި ރައީސް ސޯލިހް ވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ގައުމީ މަޖިލީހުގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.
މީޑިއާ އަށް ނުވަދެވޭހެން ކުރިއަށް ގެންދިޔަ މިބައްދަލުވުމުގެ މައުލޫމާތު އަވަސްއާ ހިއްސާކުރައްވަމުން އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ 100 އެއްހާ މެންބަރުން ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ރައީސް ސޯލިހާ އެކު ތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވެވި ކަމަށްވެސް ވިދާޅުވި އެވެ.
"ރައީސް ވަނީ ގައުމީ މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ދެވަނަ ދައުރަކަށް ވަޑައިގަތުމަށްޓަކައި. ގިނަ ބޭފުޅުން ޔަގީންކަން ދެއްވި ރައީސްއާ އެކު ހުންނަވާނެ ކަމަށް،" މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ އަދަދެެއްގެ މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް މިބައްދަލުވުމުގައި ބައިވެރިވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށްޓަކައި އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނިންމަވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.