މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ހުޅުމާލެއިން ބިން ކުއްޔަށް ހިފުމަށް ފުރުސަތުދީ ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މާލޭގައި މިވަގުތު ގަރާޖު ހިންގަމުންދާ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޖުމުލަ 23 ބިން ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.
ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ މީހުން ބިންތަކަށް ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ބިމަށް އެދި ހުށަހަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ ގޮތް ހަމަޖައްސާފައިވެ އެވެ. އީމެއިލް މެދުވެރިކޮށް ބިމަށް އެދި ފޯމު ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސާފައިވެ އެވެ.
ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް އެޗްޑީސީން ނިންމީ ސަރުކާރާއި އެޗްޑީސީއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހު އެވެ.
މާލޭގައި ހިންގާ ގަރާޖުތަކަށް ހުޅުމާލެ އިން ބިން ދޫކުރުމަށް އެޗްޑީސީން ނިންމާފައި މިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ދިހަވަނަ ދުވަހު މ. ނިރުފެހިގޭގެ ތިރީގައި ހިންގަމުން ދިޔަ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 10 މީހުން މަރުވެފައި ވަނިކޮށެވެ.
މިހާދިސާއާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ނުހުންނާނެ ކަމަށާއި ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގައި ބިދޭސީން ދިރިއުޅެމުންދާ ތަންތަނާއި ގަރާޖުތަކާއި ވޯކްޝޮޕްތައް މޮނީޓާ ކުރުމަށްފަހު އެ ތަންތަނުގައި ހުރި މައްސަލަތައް ކަމާ ގުޅޭ ފަރާތްތަކާއި ހިއްސާ ކުރުމުން މައްސަލަ ހައްލުކުރަން މާބޮޑު އެއްބާރުލުމެއް ދީފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެ އެވެ.