އެފްކޮންސް ކުންފުނިން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ފަރުކައިރީގައި ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން އެ ކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ނިންމި ނިންމުން އިސްތިއުނާފް ކުރި މައްސަލަ އެންވަޔަރަމަންޓް މިނިސްޓަރު ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު އަވަސް އަށް ވިދާޅުވީ އެފްކޮންސް ކުންފުނި ޖޫރިމަނާ ކުރި މައްސަލަ އެފްކޮންއިން އިސްތިއުނާފުކޮށްފައިވާތީ އެ މައްސަލަ މިނިސްޓަރު އައިމިނަތު ޝައުނާ ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެކަން ބަލަމުން މިދަނީ. މިހާރު ކުރިއަށް ދަނީ ރިވިއުކުރުމުގެ މަސައްްކަތް. ވަރަށް ބާރަށް އެކަން ކުރިއަށް އެބަގެންދަވާ،" އަލީ ސާލިހު ވިދާޅުވި އެވެ.
ބްރިޖް ހަދަން އެޅި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން ލިބުނު ގެއްލުން ދިރާސާކޮށް އީޕީއޭއިން ނެރުނު ރިޕޯޓުގައިވާ ކަންތައްތަކަށް އެފްކޮންސް ކުންފުނިން އިންކާރު ދެކޮޅު ހަދަ އެވެ. އެހެންވެ އެފްކޮންސް އިން ވަނީ އެ ކުންފުނިން އަމިއްލަ އަށް ރިޕޯޓެއް ތައްޔާރުކޮށް އީޕީއޭ އަށް ހުށަހަޅާފަ އެވެ.
އީޕީއޭ އިން އެފްކޮންސް އަށް ފިޔަވަޅު އެޅުމުގެ ގޮތުން 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ނިންމީ އެފްކޮންސްގެ ރިޕޯޓްވެސް ދިރާސާކުރުމަށްފަހު އެވެ.
އެފްކޮންސް ޖޫރިމަނާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އީޕީއޭ އިން ނިންމީ ހާދިސާ ހިނގިތާ ތިންމަސް ވީއިރު ވެސް އެ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އީޕީއޭ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް އެފްކޮންސްއަށް ދިން 30 ދުވަހުގެ މުއްދަތު ހަމަވީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ކުރިން އެފްކޮންސް އިން ވަނީ ޖޫރިމަނާ އަށް ލުއި ހޯދުމަށް މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.
ތިމާވެށްޓަށް ގެއްލުން ލިބޭ ފަދަ އަމަލެއް ކޮށްގެން ޖޫރިމަނާކުރުމުން އެ މައްސަލައެއް އިސްތިއުނާފް ކުރުމަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ފުރުސަތު ލިބެ އެވެ. ޖޫރިމަނާގެ އަދަދު ލުއި ކޮށްދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ.
ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.
ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭ އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.