ގައުމުތައް އޮޅުވެތިކުރުމަށް މާޒީގެ ދުވަސްތަކުގައި ނެދަލޭންޑްސް އިން ހިންގާފައިވާ ޖަރިމާތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު މާކް ރައްޓާ ނެދަލެންޑްސް ސަރުކާރުގެ ފަރާތުން މައާފަށް އެދިވަޑައިގެންފި އެވެ.
ނެދަލޭންޑްސްގެ ގައުމީ އަރުޝީފް ސެންޓަރުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ރައްޓާ ވިދާޅުވީ ނެދަލޭންޑްސް އިން އެތައް ގަރުނެއް ވަންދެން އެތައް ގައުމެއްގެ ރައްޔިތުން އަޅުވެތިކޮށްގެން ގެންގުޅެފައިވާ ކަމަށެވެ. ނެދަލޭންޑްސްގެ އަޅުވެތިކަމުން ގައުމުތައް ސަލާމަތްވުމުންވެސް އެ ގައުމުތަކުން ނާޖާއިޒު ފައިދާ ހޯދުމުގައި އާއި ނާއިންސާފުން ކަންކަން ކުރުމުގައި ނެދަލޭންޑްސް އެތައް އަހަރަކަށް ދެމިއޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ވަގުތުން ދުރަށް ދެއްކި މިރަސްމިއްޔާތުގައި ބޮޑުވަޒީރު ވިދާޅުވީ ނެދަލޭންޑްސް އިން ގައުމުތައް އަޅުވެތިކުރުމަށް ކުރިއަށް ގެންދިޔަ ސިޔާސަތު ތަންފީޒުކޮށް އެކަމުގައި އަމަލީގޮތުން އުޅުނު އެއްވެސް މީހަކު މިއަދު ދުނިޔޭގައި ނެތް ކަމަށެވެ. އެކަމަކު ނެދަލޭންޑްސްގެ ދައުލަތް ތަމްސީލް ކުރި ބައެއްގެ ވިޔާނުދާ އަމަލުތަކެއްގެ ސަބަބުން އަސަރުކުރި އެތައް ބަޔަކާއި، އެމީހުންގެ ދިރިތިބި ދަރީން ތަހައްމަލު ކުރާ ދަތިއުނދަގޫތަކުގެ ޒިންމާ ނެދަލޭންޑްސް ސަރުކާރުން ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ބޮޑުވަޒީރު ރައްޓާ ނެދަލޭންޑްސްގެ އަޅުވެތިކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވީ އެ ގައުމުން އަޅުވެތިކޮށްފައިވާ ގައުމުތަކުން ލޫޓުވާލާފައިވާ އަގުހުރި އާސާރީ ތަކެތި އަނބުރާ އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ނެދަލޭންޑްސް އިން ގައުމުތަކެއް އަޅުވެތިކޮށް އެތައް ބަޔަކަށް ދީފައިވާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން އެ ގައުމުގެ މިހާރުގެ ސަރުކާރުން މައާފަށް އެދުމުން ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ބުނެފައިވަނީ މައާފަށް އެދެންޖެހޭނީ އަޅުވެތިކަމުގެ ސިޔާސަތު ކުރިއަށް ގެންދިޔަ އޭރުގެ ވެރިން ކަމަށެވެ.
ހައްގުތަކަށް މަސައްކަތް ކުރާ މީހުން ބައެއް ޖަމިއްޔާތަކުން ބުނާ ގޮތުގައި ނެދަލޭންޑްސް އިން ގައުމީ ފެންވަރެއްގައި މައާފަށް އެދިފައިވަނީ އެ ގައުމުގެ އަޅުވެތިކަން ތަހައްމަލް ކުރި ބައެއް މީހުންނަށް އަޅުވެތިކަމުގެ މައުލޫގައި އެކަށީގެންވާ މަޝްވަރާތަކެއް ނުކޮށް ކަމަށެވެ. އެހެންވެ ނެދަލޭންސް ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. ބައެއް ޖަމިއްޔާތަކުން ދެކޭ ގޮތުގައި ނެދަލޭންޑްސްގެ އަޅުވެތިކަން ތަޖުރިބާ ކުރި ގައުމުތަކުގެ ކިބައިން އެ ގައުމުން މައާފަށް އެދުނީ މާޒީގައި ހިންގާފައިވާ ޖަރީމާތަކުން ރެކެން ދަޅައެއް ދެއްކުމުގެ ގޮތުންނެވެ.
ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުންތަކާ ގުޅިގެން ނެދަލޭންޑްސް ސަރުކާރުން ބުނެފައިވަނީ މައާފަށް އެދުމުގެ ކަންކަން ކުރިއަށް ގެންދެވުނީ އެންމެ ފުރިހަމަ ގޮތަށް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.