ބޯއިން 400-747 ކާގޯ ބޯޓެއްގެ އިންޖީން ބައިތަކެއް ނެދަލޭންޑްސްއަށް ވެއްޓިއްޖެ އެވެ. މިކަން ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ޑަޗް ސޭފްޓީ ބޯޑުން ވަނީ ބުނެފަ އެވެ.
ލޯންގް ޓެއިލް އޭވިއޭޝަނުން އޮޕަރޭޓްކުރާ ކާގޯ ބޯޓުން ވެއްޓުނު ދަގަނޑު އެތިކޮޅަކުން ޖެހި އަންހެނަކަށް އަނިޔާވި ކަމަށް މާސްޓްރިޓް އެއާޕޯޓް ސްޕޯކްސްވުމަން، ހެއްލާ ހޭންޑްރިކްސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މަގުތަކަށް ވެއްޓުނު އެތިކޮޅުތަކަކުން ޖެހި ބައެއް ކާރަށާއި އެއްގަމު އުޅަނދު ފަހަރަށް ގެއްލުން ލިބުނު ކަމަށެވެ. ބޯދު ދަތުރުކުރީ ނެދަލޭންޑްސްގެ މާސްޓްރިޓް އެއާޕޯޓުން އެމެރިކާގެ ނިއުޔޯކަށެވެ. ބޯޓްގައި އަޅާފައި ހުރީ ޕްރޭޓް އެންޑް ވިޓްނީ PW4000 އިންޖީން އެވެ.
ބޯއިން 777 މަރުކާގެ ބައެއް ބޯޓުތައް ވައިގެ ތެރޭގައި ރޫޅޭ މައްސަލައަށް ދުނިޔެ އޮތީ ވަރަށް ބޮޑަށް ސަމާލުވެފަ އެވެ.
ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓެއް މިދިއަ ހޮނިހިުރ ދުވަހު އެމެރިކާގެ ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ހަވާއީގެ ވެރިރަށް ހޮނުލުލޫއަށް ދަތުރު ކުރަނިކޮށް ވަނީ ކަނާތު އިންޖީނުގައި ރޯވެ ބައިތައް ބިމަށް ވެއްޓިފަ އެވެ. އެހެން ނަމަވެސް، ބޯޓް ވަނީ އަނބުރާ ޑެންވާއަށް ޖައްސާފަ އެވެ. ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ޔުނައިޓެޑުން ބުނި ގޮތުން 230 ދަރުތުވެރިންނާއި 10 ފަޅުވެރިން ބޯޓުން ދަތުރުކުރި އެވެ.
ބޯއިންއިން މިހާރު ވަނީ 777 މަރުކާގެ ދުވަސްވީ ބޯޓްތައް ނުދުއްވަން އަންގާފަ އެވެ. މައްސަލަ ދިމާވި ބޯތުގައި އަޅާފައި ވަނީ ޕްރޭޓް އެންޑް ވިޓްނީ PW4000-112 އިންޖީން އެވެ. މިއީ ނެދަލޭންޑްސްއަށް އިންޖީން އެތިކޮޅުތައް ވެއްޓުނު ބޯޓުގައި އަޅާފައި ހުރި އިންޖީނަށް ވުރެ ބާރުގަދަ މޮޑެލްއެކެވެ.
ޔުނައިޓެޑް އެއާލައިންސްގެ ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން އާންމުން ބުނީ ބާރު އަޑުފަށްގަނޑެއް އިވުނު ކަމަށެވެ. ނެދަލޭންޑް މަތިން އުދުހުނު ކާގޯ ބޯޓުން އެއްޗެއް ގޮވި އަޑުފަށްގަނޑެއް އިވުނު ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ.
އެއާޕޯޓް ސްޕޯކްސްވުމަން ވިދާޅުވީ ބިމަށް ވެއްޓިފައި ހުރި ބައެއް އެތިކޮޅުތަކުގައި ފަސް ސެންޓިމީޓަރު އަދި 25 ސެންޓިމީޓަރު ވެސް ހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ބޯޓުގެ ބުރަފަތިން ބުރައިގެންސްވައިވާ އެތިކޮޅުތަކެއް ކަމަށް ބެލެވޭ ކަމަށެެެވެ. މިބޯޓު ވަނީ ސަލާމަތުން 19 މޭލަށް ދަތުރުކޮށް ގޮސް ބެލްޖިއަމްގެ ލީޖް އެއާޕޯޓަށް ޖައްސާފަ އެވެ.
މި މައްސަލާގައި ބޮއިންއިން މިހާރު ދަނީ ޑަޗް އިދާރާތަކާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވަމުންނެވެ.
ދުނިޔޭގައި ކޮވިޑް ވަކިހިއްޕާފައި އޮންނަތާ އަހަރެއްވީ އެވެ. ކޮވިޑާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އޭވިއޭޝަން ސިނާއަތަށެވެ. އެއާލައިންތަކުން ބޯޓުފަހަރު ހަރުގެއަށް ވައްދައި ވަނީ އެހެލަންޖެހިފަ އެވެ. ބޯޓުތައް މިގޮތަށް ބޭނުން ނުކޮށް ބާއްވަން ޖެހުމުން މައްސަލަ ދިމާވެދާނެ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ބުނެފަ އެވެ. އެކަމަކު ބޮއިންގެ ބޯޓުތަކަށް މިހާރު މިދިމާވާ މައްސަލަތަކާ މި ބުނުމާ ގުޅުމެއް އޮތްކަން އަދި އެނގިފައެއް ނެތެވެ. ބޮއިންއިން ބުނި ގޮތުން ވަކި ގޮތެއް ނިންމަން އެނގޭނީ ތަހުގީގު ނިމުމުންނެވެ.