ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީގެ ނިންމުންތައް އާންމުންނަށް ބެލޭ ގޮތް ހަދައިފި

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ނިންމުންތައް ނިންމާ ސަބަބުތައް އާންމުންނަށް ބެލޭ ގޮތަށް ނިއުސްލެޓާއެއް ލޯންޗްކޮށް އެ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތާއި ތަފާސް ހިސާބު އެނގޭ ގޮތަށް ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ލޯންޗް ކުރި ނިއުސްލެޓާގެ ނަމަކީ "އުންސުރު" އެވެ. އަދި އެއޮފީހުގެ މައުލޫމާތު އެނގޭ ވެބްސައިޓްގެ ނަމަކީ "އާމަހި" އެވެ. ވެބްސައިޓާއި ނިއުސްލެޓާ ލޯންޗްކުރުމުގެ އިތުރުން ހެއްކާ ބެހޭ ގާނޫނުގެ ފޮތެއް ލޯންޗްކުރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.

އުންސުރު ނިއުސް ލެޓާ ލޯންޗުކޮށް ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. އާމަހި ވެބްސައިޓް ލޯންޗުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ. އަދި ހެއްކާ ބެހޭ ގާނޫނުގެ ފޮތް ލޯންޗުކޮށް ދެއްވީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

އެ ރަސްމިއަޔާތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން މައްސަލައެއްގައި މީހަކަށް ދައުވާ ކުރަން ޖެހޭ ސަބަބާއި ދައުވާނުކޮށް ދޫކޮށްލާ ސަބަބުތަކުގެ އިތުރަށް ކޯޓުން މައްސަލައެއްގައި ހުކުމަކާ ހަމައަށް ވާސިލްވާ ގޮތްތަކާއި އަދަބު ކަނޑައަޅަން އޮންނަ އުސޫލުތައް އާންމުންނަށް އެނގުން މުހިންމުކަމުގަ އެވެ.

"ރިހާކުރު ފުޅިއެއް ވަގަށް ނެގި މައްސަލާގައި ބޮޑު އަދަބެއް ލިބުނީ ކީއްވެގެން ކަން އާންމުންނަށް އަޅުގަނޑުމެން ކިޔައިދޭން އެބަ ޖެހޭ، އަންގައި ދޭން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން މުޅިން އަލަށް ފަށާ މި ނިއުސްލެޓާ "އުންސުރު" ގެ ބޭނުމަކީ އޮފީހުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އާންމުންނަށް ފަސޭހައިން ބެލޭނެ ގޮތް ހެދުންކަމުގަ އެވެ.