ޝަރުއީ ދާއިރާ

ގެއަކަށް ވަދެ ޖޯލިފައްޗެއްގެ ދާގަނޑު ކޮށާލި ޒުވާނަކު ޖަލަށް

އުތުރުގެ ރަށެއްގެ ގެއަކަށް އެއްރޭ އިރާކޮޅު ވަދެ، އެ ގޭ ޖޯލިފަތީގެ ދާގަނޑު ކޮށާލި ޒުވާނަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާގައި ޒުވާން ފިރިހެނެއްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި އަހަރުގެ ޖަނަވަރީ މަހު ހިނގި މި ހާދިސާއާ ގުޅިގެން، އެ ހާދިސާ ހިނގި ރަށުގެ ކޯޓަށް ދައުލަތުން ހުށަހެޅި މި ދެ މައްސަލައިގައި، އެ ރަށަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އެ ޒުވާނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ޖޯލި ފަތި ކޮށާލާފައިވަނީ ވަޅިއެއް ހިފައިގެން އެ ގެއަށް ވަދެ އެވެ.

ދައުލަތުން ކުރި ދައުވާތަކަށް އެ ޒުވާނާ އިއުތިރާފުވުމާ ގުޅިގެން މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މައްސަލައިގައި، އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް އިއްވީ ލުއި އަދަބެކެވެ.

މި ދެ މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހާއި 18 ދުވަހަށް ޖަލަށްލީއިރު، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބަކަށް އޭނާގެ މައްޗަށް އައީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.