ހަބަރު

ޔާމީންގެ ޝަރީއަތް ޓީވީއިން ލައިވް ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ޓީވީއިން ލައިވް ކުރުމަށް ހަމަޖެހިއްޖެ އެވެ. މާދަމާއަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އަޑުއެހުން އޮތީ މެންދުރު ކުރި 11:30ގަ އެވެ.

މިއީ ރާއްޖޭގައި ޝަރީއަތެއް ޓީވީއިން ލައިވް ކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅޭ ޝަރީއަތް ރޭޑިއޯއިން ލައިވް ކުރި އެވެ.

ކުރިމިނަލް ކޯޓުން މިހާރު ގެންދަނީ މާދަމާގެ ޝަރީއަތް ލައިވް ކުރުމަށް ތައްޔާރުވަމުންނެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ މާދަމާ ރައީސް ޔާމީންގެ ޝަރީއަތް ޓީވީއެމްއިން ލައިވް ކުރާނެ ކަމަށާއި ލައިވް ފީޑް އެހެން މީޑިއާތަކަށް ވެސް ދޭނެ ކަމަށެވެ. ޝަރީއަތުގެ މަޖިލީހަށް ޓީވީއެމް ފިޔަވައި އެހެން މީޑިއާތަކުގެ ކެމެރާއެއް ނުވެއްދޭނެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވެސް އަދި ރައީސް ޔާމީންގެ ފަރާތުން ވެސް އެކަމަށް ޝަރީއަތުގައި އެދިފައެއް ނުވެ އެވެ. މީގެކުރިން ބައެއް މައްސަލަތަކުގައި ޝަރީއަތް ލައިވް ކުރުމަށް އެދިފައިވީނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޝަރީއަތްތައް ލައިވް ކުރުމަށް ފުރުސަތު ލިބެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ދަވަހު ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވައި، ހެކިން ވެސް ހުށަހަޅާފަ އެވެ. އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު އަދީބާއި މޫސާ ޒަމީރު ހިމެނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ވަނީ ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.