ޓްވީޓާގެ ސީއީއޯގެ މަގާމުގައި އޭނާގެ ބަދަލުގައި ހުންނަވަން އެދިވަޑައިގަންނަވަނީ "ޖަހާހައި ބެރަކަށް ނަށަން" ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށް އެ މަގާމުގައި މިވަގުތު ހުންނެވި -- އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އީލޮން މަސްކް މިހެން ވިދާޅުވީ ޓްވީޓާގެ ސީއީއޯގެ މަގާމުން އޭނާ ދުރުވެވަޑައިގަތުން މާރަނގަޅުވާނެ ކަމަށް ޓްވީޓާ ބޭނުންކުރާ މީހުންގެ ފަރާތުން ލިބިވަޑައިގެންނެވި ޚިޔާލަށް ތާއީދުކުރެއްވުމުގެ ގޮތުންނެވެ.
މަސްކް އަދި ވިދާޅުވީ "މި އުޅެނީ އެކަހަލަ މޮޔައަކު ނުފެނިގެން" ކަމަށެވެ.
ޓްވީޓާގައި މަސްކް ކުރެއްވި ސާވޭގައި ސުވާލު ކުރެއްވީ ކުންފުނީގެ ސީއީއޯގެ މަގާމުން އޭނާ ދުރުވެ ވަޑައިގަތުމަށް ތާއީދު އޮތްތޯ އެވެ.
މި ސުވާލަށް 17.5 މިލިއަނަށް ވުރެ ގިނަ މީހުން ޖަވާބުދިންއިރު 57.5 ޕަސެންޓް މީހުން ބުނީ -- ސީއީއޯގެ މަގާމުން މަސްކް ދުރުވެ ވަޑައިގަތުން ބުއްދިވެރި ކަމަށެވެ.
ސާވާގެ ނަތީޖާއަށް ބައްލަވައި މަސްކް ވިދާޅުވީ ޓްވިޓާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭނާ ދެން ހުންނަވާނީ އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެހެންދެން ކަމަށެވެ. އަދި އެއަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އީލޮމް މަސްކް ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވި ނަމަވެސް ފަރުދާގެ ފަހަތުގައި -- ކުންފުނި ހިނގާ ނުހިނގާ ގޮތް ބެއްލެވުމުގައި ދެމިހުންނަވާނެ އެވެ. އަދި ޕްލެޓްފޯމް ތަރައްގީކުރެއްވުމަށް އިސްކަން ދެއްވާނެ އެވެ.
ޓްވިޓާގެ ސާވާ ޓީމުތައް ބަލަހައްޓާވާނީ އޭނާ ކަމަށްވެސް ވިދާޅުވި އެވެ.