ދުނިޔެ

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިނުކުރާނެ: ބައިޑަން

އީރާނާ އެކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެމެރިކާ ކުރާ މަޝްވަރާއެއް ނޫން ކަމަށް ޖޯ ބައިޑަން ވިދާޅުވާ ވީޑިއޯއެއް ލީކުވެއްޖެ އެވެ.

އެމެރިކާގެ ރައީސް މިހެން ވިދާޅުވަނީ ނޮވެމްބަރު ހަތަރެއްގައި ކެލިފޯނިއާގެ އޯޝަންސައިޑްގައި އޮތް ކެމްޕެއިން އެއްވުމެއްގެ ތެރެއިން -- އެމެރިކާގައި ދިރިއުޅޭ -- އީރާންގެ ބަޔަކާ ދިމާވެވަޑައިގެން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބައިޑަންއާ މުޚާތަބު ކުރައްވައި އެ މީހުން ސުވާލުކުރަނީ އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް ވެފައި އޮތް ގޮތެއް ސާފުކޮށްދެއްވުމަށެވެ. އެ މީހުންގެ ސީދާ ސުވާލަކީ ނިއުކްލިއާ އެއްބަސްވުމެއް ނުހައްދަވާނަމަ އެކަން އިއުލާން ކުރައްވާނަންތޯ އެވެ.

ބައިޑަން ވިދާޅުވީ އިއުލާން ނުކުރައްވާނެ ކަމަށެވެ.

ސަބަބު އޮޅުން ފިލުވުމަށް އެ މީހުން އަނެއްކާ ވެސް ސުވާލުކުރެ އެވެ.

ބައިޑަން ދެން ވެސް ވިދާޅުވީ އިއުލާން ނުކުރައްވާނެ ކަމަށެވެ. އެކަމުގައި ސަބަބު ގިނަ ކަމަށްވެސް ވިދާޅުވެ އެވެ. އަދި ވިދާޅުވީ އެއީ ދިގުވާހަކައެެއް ނަމަވެސް އޮތް ޔަގީން ކަމަކީ އިއުލާން ނުކުރައްވާެނެކަން ކަމަށެވެ.

ސުވާލުކުރި މީހުންގެ ތެރެއިން އަންހެނަކު އީރާނަށް މުއްލާއިންގެ ނަމުން މުހާތަބު ކުރުމުން އެކަމާ ގުޅުވައި ބައިޑަން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

"މުއްލާއިންނާ އެކު އެއްވެސް ޑީލެއް ހަދާކަށް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ. "އެމީހުންނަކީ އަޅުގަނޑުމެން ތަމްސީލުކުރާ ބައެއް ވެސް ނޫން އަދި އަޅުގަނޑުމެންގެ ސަރުކާރެއް ވެސް ނޫން."

ޖަވާބުގައި ބައިޑަން ވިދާޅުވަނީ ތިޔަ ބޭފުޅުންނަކީ އެ މީހުންގެ ތެރެއިން ވާ ބައެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެ މީހުން [އީރާން] އަށް އޮތް އެއްޗަކީ ނިއުކްލިއާ ހަތިޔާރު ކަމަށްވެސް ބައިޑަން ވިދާޅުވެ އެވެ.