ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް މެނޭޖުމެންޓުން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ފްލެޓްގެ އެޑްވާންސް ޕޭމެންޓް އަދި ކުލި ދެއްކުމުގައި ދަތިތަކެއް ހުރި މުވައްޒަފުންނަށް ލުއިތަކެއް ދިނުމަށް މެނޭޖްމެންޓުން ނިންމައި ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން ޕްރައިމަރީ އެމައުންޓުގެ ތެރެއަށް އެޑްވާންސް ޕޭމެންޓް ހިމަނައިގެން ދެއްކޭ ގޮތަށް ހަމަޖައްސައި، 25 އަހަރަށް ބަހާލައިގެން ކުލި ދެއްކޭނެ ގޮތަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުރިން އޮތީ 18 އަހަރަށް ބަހާލައިގެން ސްޓެލްކޯ ފްލެޓްތަކުގެ ކުލި ދައްކާ ގޮތަށެވެ. މި ބަދަލާއެކު މަހުން މަހަށް ދައްކަންޖެހޭ ކުލީގެ އަދަދު ކުޑަވާނެ އެވެ.
"އެޑްވާންސް ޕޭމެންޓު، ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށް ގެންދަން ސްޓެލްކޯއިން މިހާރު ވަނީ ނިންމާފައި. އަދި 25 އަހަރަށް ބަހާލައިގެން ކުލި ދެއްކޭނެ ގޮތަށް ހަމަޖެއްސުމަށް ވަނީ ބޯޑަށް ހުށަހަޅާފަ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ މި ބަދަލު ބޭނުންވާ މުވައްޒަފުން ލިޔުމަކުން ސްޓެލްކޯއަށް އެކަން އަންގަން ޖެހޭނެ ކަމަށާއި ނޫންނަމަ އެގްރީމެންޓު ބާތިލް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ފްލެޓު ނުލިބޭ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްކީމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ބްލޫ ރިޖްގެ ދެ ޓަވަރުގައި ޖުމްލަ 360 ފްލެޓް ހިމެނެ އެވެެ. އެއީ އެއް ކޮޓަރީގެ 72 ފްލެޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 ފްލެޓެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު މި ފްލެޓްތައް ވަނީ ސްޓެލްކޯގެ މުއައްޒަފުންނާއި ހަވާލުކޮށްފަ އެވެ.