މިނިސްޓްރީ އޮފް ހެލްތު

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ލ. ގަމުގައި ހަދަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު އަވަސްއަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލުގެ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު މިހާރު ކުރިއަަށްދާ ކަމަށެވެ. އޭގެފަހުން ޑިޒައިން ކުރުމުގެ މަސައްކަތް ފަށައި، އެކަން ނިމުމުން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގައި ވިދާޅުވި އެވެ.

އިންޑިއާގެ އެހީތެރިކަމާ އެކު ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ދެއްކެވި ވާހަކަފުޅެކެވެ. ނަމަވެސް އެ މަސައްކަތް ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތްތަކެއް މިހާތަނަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ މި ޕްރޮޖެކްޓުގެ މަސައްކަތް ފަށަން އިންޑިއާގެ ޓީމެއް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖެ އައެވެ. އަދި މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތް ފެށޭނެ ކަމުގައި ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

މަސައްކަތް ލަސްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައިވަނީ ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވުން ކަމުގަ އެވެ.

ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި ގާއިމުކުރަން ނިންމާފައިވާއިރު އެ ރަށަކީ ސަރުކާރުން ރާއްޖޭގައި ތަރައްގީކުރާ، ފަސް ޓާޝަރީ ހޮސްޕިޓަލުގެ ތެރެއިން އެއްް ހޮސްޕިޓަލް ހަދަން ނިންމާފައިވާ ރަށެވެ.