މިއުވާން މުހައްމަދު

137 އެމްބިއުލާންސް ހޯދައިދީފިން: މިއުވާން

އަތޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް މިހާތަނަށް 137 އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހަައްމަދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ އަދަދަށް ބަލާއިރު އެމްބިއުލާންސް ފޯރުކޮށްދެވުނު އަދަދު ގިނަ ކަމަށެވެ.

މިއުވާން ވިދާޅުވީ އެމްބިއުލާންސްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެމްބިއުލާންސް ނެތިގެން ރަށްރަށުން އުޅެން ނުޖެހޭނެ ކަމަށެވެ.

ރަށްރަށުގެ ތެރެއިން ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްފައިނުވާ ރަށްރަށުގައި މޯބައިލް ލެބޯޓްރީގެ ހިދުމަތް ގާއިމުކުރުމުގެ ގޮތުން ފެރީގެ ހިދުމަތް މެދުވެރިކޮށް ސާމްޕަލް ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ފެރީގެ ނިޒާމު ނުލިބޭ ރަށްރަށުގައި ސާމްޕަލް ޓްރާންސްފާ ކުރުމުގެ ހިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.

"[ރާއްޖެ ޓްރާންސްޕޯޓް ލިންކް] އާރްޓީއެލްއާއެކު މި މަސައްކަތް އިތުރަށް ފަސޭހަވެ، އަވަސް އަދި އިތުބާރު ހުރި ގޮތަކަށް ސާމްޕަލް ޓްރާންސްފާ ކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ" މިއުވާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހއ. އަދި ހދ. އަތޮޅުގައި އާރްޓީއެލް މެދުވެރިކޮށް ރަށްރަށުން ސާމްޕަލް ޓްރާންސްފާ ކުރުން ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ށ. އަތޮޅުގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ. އާރްޓީއެލްގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު އާރްޓީއެލް ނިޒާމުގެ ތެރެއިން ސާމްޕަލް ގެންދިއުމުގެ ކަންކަން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އާރްޓީއެލް ނެތް ހިސާބުތަކުގައިވެސް އެހެނިހެން ފެރީ ނިޒާމު މެދުވެރިކޮށް ސާމްޕަލް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިއުވާން ވިދާޅުވީ ރަށްރަށުން ސާމްޕަލް ނެގުމަށް ބޭނުންވާނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ހަމަޖެހިގެންދާނެ ކަމަށެވެ.