އެޗްޑީސީ

ނުކުޅެދޭ މީހުންނަށް ހާއްސަ 491 ވީލްޗެއާ ރޭމްޕް ހުޅުމާލޭގައި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި 491 ވީލްޗެއާ ރޭމްޕް އެޗްޑީސީ އިން ގާއިމުކޮށްފި އެވެ.

އެޗްޑީސީ އިން މިމަސައްކަތް ފެށީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅެމުން ދާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.

އެޗްޑީސީއިން ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ވީލްޗެއާ ރޭމްޕް ގާއިމްކޮށްފަ އެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކޮންމެ ޓަވަރަކުން ބޭރަށް ނިކުތުމަށް ހާއްސަކޮށް ވީލްޗެއާ ރޭމްޕެއް ވަނީ ގާއިމުކޮށްފަ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕް ގާއިމުކުރުމުން ނުކުޅެދޭ މީހުންނަށް އެހެން މީހެއްގެ އެހީއާ ނުލައި ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަތަކެއް ލިބޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް އެޗްޑީސީ އިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެކުންފުނިން ބުނެ އެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗުގައިވެސް ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ދަނީ ކުރަމުންނެވެ.