ކުޅިވަރު

ޗެމްޕިއަންސް ލީގު ނުލިބި ސިޓީގެ މަސައްކަތް ފުރިހަމަނުވާނެ: ގާޑިއޯލާ

ޔޫއެފާ ޗެމްޕިއަންސް ލީގު ނުލިބިއްޖެ ނަމަ މެންޗެސްޓާ ސިޓީގައި ކުރަމުން އަންނަ މަސައްކަތް ފުރިހަމަ ނުވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

2016 ވަނަ އަހަރު ސިޓީގެ ކޯޗުކަމާ ހަވާލުވި ގާޑިއޯލާ މިހާރު ވަނީ 2025 ގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ނިންމައިފަ އެވެ. މިދިޔަ މުއްދަތުގައި ސިޓީގައި ގާޑިއޯލާ ވަނީ ބޮޑު ނުވަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސިޓީ އިން އެންމެ ބޭނުންވާ ޗެމްޕިއަންސް ލީގު ތަށި އަދި ލިބޭ ގޮތެއްނުވެ އެވެ.

ޗެމްޕިއަންސް ލީގު ހޯދުމާ ސިޓީ އެންމެ ގާތަށް ޖެހިލީ 2021 ވަނަ އަހަރު އެވެ. އެކަމަކު ޗެލްސީއާ ވާދަކޮށް އެފަހަރުގެ ފައިނަލުން ބަލިވީ އެވެ. މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވިއިރު ގާޑިއޯލާގެ ކޯޗުކަމުގައި ކުއާޓާ ފައިނަލުން ތިން ފަހަރު ވަނީ ކަޓައިފަ އެވެ.

"ސިޓީގައި ހޭދަކުރާ މުއްދަތުގައި އެންމެ ބޭނުންވާ ތައްޓަކީ ޗެމްޕިއަންސް ލީގު. އެ މުބާރާތް ނުލިބިއްޖެ ނަމަ ސިޓީގައި މި ކުރާ މަސައްކަތް ފުރިހަމައެއް ނުވާނެ" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގު ހޯދުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށާއި، އެ ތަށި ސިޓީ އަށް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ސިޓީ މިފަހަރު ނުކުންނާނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕަށް ކްލަބް ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު އިނގިރޭސި ލީގު ކަޕްގެ ކުޅުން މިހާރު ވަނީ ފަށައިފަ އެވެ. ލީގު ކަޕްގައި މާދަމާ ރޭ ސިޓީ ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.

މާދަމާ ރޭގެ މެޗަށް ސިޓީގެ ޓީމު އެކުލަވާލުމުގައި ގާޑިއޯލާ އަށް އޮތް ގޮންޖެހުމަކީ ވޯލްޑް ކަޕްގައި އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ތަމްސީލު ކުރުމެވެ. ސިޓީގެ 16 ކުޅުންތެރިން ވޯލްޑް ކަޕްގައި ކުޅުނުއިރު އަދި ބައެއް ކުޅުންތެރިން ޓީމާ ގުޅިފައެއްނުވެ އެވެ. އެކަމަކު ޕްރިމިއާ ލީގުގެ ކުޅުން ހޯމަ ދުވަހު އަލުން ފަށާއިރު ގިނަ ކުޅުންތެރިން ޓީމާ ގުޅޭނެ އެވެ.

ގާޑިއޯލާ ބުނީ މަޑުމަޑުން ކުޅުންތެރިން ހަމަވަމުން އަންނަ ކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިން ތިބޭނީ މާ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"އަހަރެން ބުނާނީ ވޯލްޑް ކަޕަށް ނުދާ ކުޅުންތެރިންނަށް ވުރެ ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިންގެ ހާލަތު ރަނގަޅު ވާނޭ. އެއީ އެކުޅުންތެރިންނަށް މެޗުތަކެއް ލިބުމުން އެ ރިދަމް ހުންނާނެ" ސިޓީގެ ސްކޮޑާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.