ދުނިޔެ

ޔުކްރޭން ބައްޔެއް ނުވޭ، އޮތީ ހެޔޮ ހާލުގައި: ޒެލެންސްކީ

ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ބުދަ ދުވަހު އެމެރިކާގެ ކޮންގްރެސް -- ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވައިފި އެވެ.

އޭނާއަށް އެންމެ މުހިން ކަމަށް ވެފައި އޮތީ އެމެރިކާއިން ޔުކްރޭނަށް ހިފެހެއްޓުމެއް ނެތި ފޯރުކޮށްދެމުން ގެންދާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ދޭ އެހީއަކީ ހިލޭސާބަހަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި ގޮތުގައި އެމެރިކާއިން ކުރާ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ އެހީތެރިކަމަކީ ދުނިޔޭގެ ރައްކަލަށްޓަކައި އަދި މިނިވަން ދައުލަތްތަކުގެ ހިމާޔަތުގައި ވެދޭ އެހީތެރިކަމެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ޔުކްރޭނުން އެކަން ބަލައިގަންނާނީ ޒިންމާދާރު ކަމާއެކު ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ ޔުކްރޭނަށް އެންމެ ބޮޑު އެހިތެރިކަމެއް ވެދެނީ އެމެރިކާ ކަމަށެވެ. އަދި އިތުރު އެހީތެރިކަމެއް ދެއްވުން އޮތީ "ތިޔަ ބޭފުޅުންގެ އަތްމަތީގައި" -- ގާނޫނު ހަދާ މަޖިލީހުން ނިންމާ ނިންމުމެއްގައި ކަމަށެވެ.

ޒެލެންސްކީގެ މި ދަތުރުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއަށް ވަޑައިގެން ރައީސް ޖޯ ބައިޑަންއާ ވެސް ބައްދަލުކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ޔުކްރޭނަށް އިތުރު 1.85 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެއްވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޔުކްރޭނަށް މިފަހަރު އެމެރިކާ ފޯރުކޮށްދޭ އަސްކަރީ އެހީގައި ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމް ވެސް އޮތީ ހިމަނާފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އިސްތިއުމާރީ ބިރު އޮތީ ހަމައެކަނި ޔުކްރޭނަށް ނޫން ކަމަށެވެ. އެއީ ކޮންމެ ގައުމަކަށް އަދި ކޮންމެ ދައުލަތަކަށް ވެސް އޮތް ބިރެއް ކަމަށެވެ.

ހަތިޔާރުގެ ބާރުވެރި ކަމަށް ބަލާއިރު ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާ އަކީ ގާބިލު ގައުމެކެވެ. އޭނާ އަދި ވިދާޅުވީ އެއިން އެއްވެސް ކަމަކަށް ބިރުން ޔުކްރޭން އަމާން ނުދެއްވާނެ ކަމަށެވެ.

ޔުކްރޭން ހެޔޮ ހާލުގައި އޮތުމަށް އެމެރިކާގެ އެހީތެރިކަމަށް ޒެލެންސްކީ އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ނިމުން އެނގެން ނެތް މަރުހަލާތަކެކެވެ.

ކޮންމެ ގޮތަކަށް ކަންތައް ފުރޮޅެމުން ދިޔަ ނަމަވެސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭން އޮތީ ބިމާއި ވަތަނާއި ރައްޔިތުންގެ ދިފާއުގަ އެވެ.