ތައިލެންޑްގެ ފުރަތަމަ ޑިވިޝަނުގެ ކުލަބަކާ ކުޅެން އީގަލްސް އާއި ގައުމީ ޓީމުގެ ފޯވަޑް އަންސަރު އިބްރާހީމް (އަންކޮ) އެ ގައުމަށް ހިނގައްޖެ އެވެ.
ބަނގްލަދޭޝްގައި ނިމުނު ބަންގް ބަންދު ގޯލްޑް ކަޕުގައި ކުޅުމަށްފަހު އޭނާ ތައިލެންޑްގެ ވެރިރަށް ބެންކޮކޮށް ދިޔައީ ރޭގެ ވަގުތެއްގަ އެވެ. ތައިލެންޑުގައި ކުޅުމުގެ ފުރުސަތު އަންސަރަށް ހޯދައިދިނީ ވެސް ގައުމީ ކޯޗެވެ. ތައިލެންޑްގެ ކުލަބާއެކި މިއަދުން ފެށިގެން މި މަހުގެ 25ގެ ނިޔަލަށް އޭނާ ތަމްރީނު ހަދާނެ އެވެ.
އުމުރުން 20 އަހަރުގެ އަންސަރު އަކީ އަރަބިއްޔާ ސްކޫލުން އިންޓަ ސްކޫލް މުބާރާތުގައި ވިދާލި ކުޅުންތެރިއެކެވެ. ކިޔެވުމުގެ ރޮނގުން ވެސް އެސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހުސްވި އަހަރު ހޯދި ކުޅުންތެރިޔާ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް އޭނާ ނުކުތީ އިހުސާން އަބުދުލްގަނީ (ސާންތީ)ގެ ކޯޗުކަމުގައި ކުލަބު އީގަލްސްއިންނެވެ.
ގައުމީ ޓީމުން އަންސަރަށް ފުރުސަތު ދިނީ މިހާރުގެ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓެވެ. އޭނާގެ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރު ހޮންކޮންއާ ދެކޮޅަށް ގައުމީ ޓީމު މާލޭގައި ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން މި މަހު ކުރީކޮޅު އިންޑިޔާގައި ނިމުނު ގޯލްޑް ކަޕުގައި ވެސް އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ލިބުނެވެ.