ދުނިޔެ

ހަރުކަށި ފިކުރުގެ ސަރުކާރެއް ނަތަންޔާހޫ އެކުލަވާލައްވައިފި

ސިޔާސީ ހަރުކަށި ފިކުރުގެ ޕާޓީ ތަކަކާއި އެކުގައި އެއްބަސްވުމެއް ހަދައި، ސަރުކާރެއް އެކުލަވާލެވިއްޖެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް އަނެއްކާވެސް ވަޑައިގަތުމުގެ ފުރުސަތު އޮތް ބެންޔަމިން ނެތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނެތަންޔާހޫ އެކުލަވާލި ކަމަށް ސަރުކާރު ވެގެންދާނީ އިސްރާއީލް ދައުލަތުގެ ތާރީހުގައިވެސް ޔަހޫދީންގެ އެންމެ ހަރުކަށި ބޭފުޅުން ހިމެނޭ ސަރުކާރަށެވެ.

އަލަށް އެކުލަވާލި ސަރުކާރުގައި ފަލަސްތީނާ ދެކޮޅަށް ހުއްޓާނުލައި ހަމަލާ ދިނުމަށް އަބަދު ވާހަކަދައްކަވަމުން ގެންދަވާ "ޖުވިޝް ޕަވާ" ޕާޓީގެ ލީޑަރު ބެން ގަވީރުވެސް ހިމެނެ އެވެ.

ނަތަންޔާހޫ ވަނީ ބޮޑުވަޒީރު ކަމާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު ސަލާމަތީ އިދާރާތަކަށް އިތު ވަސީލަތްތައް ހޯދައިދީ އެތަންތަން ބާރުވެރިކުރުވާނެ ކަމަށް އޭނާއާ ބައިއަތު ހިފި ޕާޓީތަކަށް ވައުދުވެވަޑައިގެންފަ އެވެ.

އާ ސަރުކާރު އެކުލަވާލުމަށްފަހު ނަތަންޔާހޫ ވަނީ އިސްރާއީލްގެ ރައީސް އަށް ފޯނުކުރައްވާ އެކަން އަންގަވާފަ އެވެ. އަދި އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތު އަވަހަށް އިންތިޒާމު ކޮށްދިނުމަށްވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ވަކި ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ނަތަންޔާހޫ ވަނީ މީގެ ކުރިންވެސް ދެ ދައުރެއްގައި އިސްރާއީލްގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. ނަތަންޔާހޫގެ ބޮޑުވަޒީރު ކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފުރައްސާރަކުރުމާއި ހަމަލާތައް ދިނުން އިތުރުވެ އެވެ.