އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް -- ޑަބްލިއުޑީސީ ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ޑަބްލިއުޑީސީ އިންތިހާބު ކުރުމުގެ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން، ޑަބްލިއުޑީސީގެ މެމްބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަން އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 365 ދުވަސް ތެރެގައި އެމަގާމަށް މެމްބަރަކު އިންތިހަބުކުރަން ޖެހެ އެވެ. ނަމަވެސް، މަގާމު ހުސްވާއިރު ބާކީ އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އަލުން އެ މަގާމަށް މީހަކު އިންތިހާބުކުރުން ލާޒިމެއް ނޫނެެވެ.
މިގޮތަށް ގަވައިދު ބަދަލުކޮށްފައިވާއިރު އެބަދަލު ގެނައީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން ގިނަވެ، ބައި އިލެކްޝަންތައް ބާއްވަން އިލެކްޝަންސް ކޮމިޝަނަށް މާލީ ބުރައެއް އުފުލަންޖެހުމުންނެެވެ.
އީސީގެ ރައީސް ފުވާދު ތައުފީގު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަހަރަކު އެއްފަހަރު ބައި އިލެކްޝަންތައް ބޭއްވުމުން ވަރަށް ބޮޑަށް ހަަރަދު ކުޑަވެގެންދާނެ ކަމަށެވެ.
"މިހާރު ވިދިވިދިގެން އައިސްދާނެ ހަތަރު ފަސް ރަށެއްވެސް، އެއީ ވަރަށް ގިނަ ދަތުރުތަކެއް، އެކީގައި ބާއްވާ ކަމަށްވަންޏާ ވަަރަށް ބޮޑުތަން އެ ހަރަދު ކުޑަވެގެން ދާނެ،" ފުވާދު ތައުފީގު ވިދާޅުވި އެވެ.
އެހާ އަވަސް އަވަހަަށް އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާދޭ ސަބަބުތައް ކަމުގައި ބެލެވެނީ، ރަށްރަށުގައި އިދާރީގޮތުން ހުރި ދަތިތައް ކަމުގައި ފުވާދު ތައުފީގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަށްރަށަށް ގޮސް ބެލި ބެލުމުން ފެންނަނީ އިދާރީ ގޮތުން ދަތިތަކެއް ހުރިކަމަށް. މިސާލަކަށް އަންހެނުންގެ ތަރައްގީއަށް މަަސައްކުރާ ކޮމިޓީ ހިންގާނެ އޮފީހެއް ނެތުން ދެން އެހެން ސަބަބުތަކެއް ކަމަށް ބެލެވޭ ގިނަފަަހަރު އެހެން ވަޒީފާ ތަަކަށާ ޒިންމާތަކަށް އިސްކަން ދެވޭތީ،" ފުވާދު ތައުފީގު ވިދާޅުވި އެވެ.
ޑަބްލިއުޑީސީގެ އިންތިހާބު އަހަރަކު އެއްފަހަރު ބާއްވަން ހަމަޖެއްސި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.
އިލެކްޝަނުން ބުނި ގޮތުގައި ތާރީހެއް ކަނޑައަޅާނީ އެލްޖީއޭއާ ވެސް މަޝްވަރާކުރުމަށްފަހު އެންމެ ރަނގަޅު ތާރީހެއްގަ އެވެ.
"ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދެވޭ ގޮތަށް ދުވަސް ކަނޑައަޅަން އަޅުގަނޑުމެން ބަލާނަން. ސްކޫލަުތަކުގެ ބަންދާ، އެހެން އިލެކްޝަން ތަކަށް ފުށު ނާރާ ގޮތަށް، ވީހާވެސް ފަސޭހަ ގޮތަކަށް ބޭއްވޭތޯ މަަސައްްކަތް ކުރާނީ" ފުވާދު ތައުފީގު ވިދާޅުވި އެވެ.
ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަން ޖެހުމަކީ އީސީއަށް ބޮޑު ހަރަދަކަށް ވެފައިވާއިރު، އަތޮޅު ކައުންސިލުން މި އިލެކްޝަން ބާއްވާ ގޮތަށްވެސް ކުރިން މަޝްވަރާތަކެއް ކޮށްފައިވެ އެވެ.