މޯލްޑިވިއަން އައިޑޮލް

"މޯލްޑިވިއަން އައިޑޮލް" ގެ ޕްރިމިއާ ޝޯ މިރޭ އޮލިމްޕަހާއި ޝްވެކްގައި

  • ޝޯ ފަށާނީ މިރޭ 22:30 ގައި ޓީވީއެމް އިން
  • އޮލިމްޕަހާއި ޝްވެކްގައި އެޗްޑީކޮށް ޕްރިމިއާ ޝޯ ލައިވްކުރާނެ
  • އައިސް ޓީވީ އިން ވެސް ޝޯ ދައްކާނެ

އެތައް ބައެއްގެ ދިގު އިންތިޒާރަކަށް މިރޭ ނިމުން އަންނަނީ އެވެ. "މޯލްޑިވިއަން އައިޑޮލް" މިރޭ ޓީވީއެމް އިން ޕްރިމިއާކުރާއިރު މިއީ ހަމައެކަނި ގޭގެ ސިޓިންރޫމްގައި އިނދެ ބަލައިލާ ފެންވަރަށް ވުރެ ބޮޑަށް ޒީނަތްތެރިކޮށް ފައްކާކޮށްފައިވާ ޝޯއެކެވެ.

ޝޯގެ ޓީވީއެމް ޕްރިމިއާއާ އެކު މިރޭ، މާލޭގެ ދެ ސިނަމާ ކަމުގައިވާ އޮލިމްޕަހާއި ޝްވެކްގައި ވެސް މި ޝޯ ވަގުތުން ދައްކާނެ އެވެ. ޝޯގެ ފުރިހަމަ މަންޒަރާއި އަޑު ތަޖުރިބާކޮށްލުމަށް ބޭނުންވަނީ ކަމުގައިވާ ނަމަ އެންމެ ބުއްދިވެރިގޮތަކީ ސިޓިންރޫމުގެ ސޯފާ ދޫކޮށް އޮލިމްޕަސް ނުވަތަ ޝްވެކް ސިނަމާގެ ފިންޏަށް މިރޭ ޖެހިލުން ކަމަށް އެންމެން ވެސް އެބަ ބުނެ އެވެ.

އެހެން ނަމަވެސް އޮލިމްޕަސް މިރޭ ހާއްސަކޮށްފައި ވަނީ ޝޯގެ ހާއްސަ މެހްމާނުންނަށެވެ. އެކަމަކު ޝްވެކް ސިނަމާ އަށް ހިލޭ ސާބަހަށް ވަދެ އެންމެ ފުރިހަމަ ކޮލިޓީގައި ކޮންމެ މީހަކަށް ވެސް "މޯލްޑިވިއަން އައިޑޮލް" ބަލާލެވޭނެ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެ އެވެ.

މިރޭގެ ޝޯ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އެޗްޑީކޮށް ބަލައިލުމުގެ ފުރުސަތު އެބައޮތެވެ. އެއީ އައިސްޓީވީ މެދުވެރިކޮށެވެ.

ޓީވީއެމް އިން ޝޯ ކުރިއަށްދާއިރު އެޗްޑީކޮށް މި ޝޯ އައިސްޓީވީ އިން ދުރަށް ފޮނުވަމުން ގެންދާނެ އެވެ.

މިރޭ އޮތީ މާލޭގެ އޮޑިޝަނުގެ ފުރަތަމަ ދުވަސް

ޕީއެސްއެމްގެ މި ޝޯ އިންތިޒާމްކުރާ ޓީވީއެމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ ޝޯ ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މާލޭގައި ބޭއްވި އޮޑިޝަންގެ ފުރަތަމަ ދުވަހުގެ އާދަޔާހިލާފުކަމާ އެކުގައި ކަމަށެވެ.

މިރެ އަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ދައްކާނީ މާލޭގެ އޮޑިޝަންގެ ދެ ވަނަ ދުވަހުގެ ވާދަވެރިންނެެވެ. ޖުމްލަ 30 ޝޯ ޓީވީއެމް އިން އަންނަ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޝޯގައި ހަފުތާއަކުން ގެނެސްދޭނީ ދެ އެޕިސޯޑެވެ. އެއް ގަޑިއިރާއި ބައިގެ ވަގުތަކަށް ދިގުދެމިގެންދާ އެޕިސޯޑްތަކާ އެކު މި ޝޯގެ ރޭތަކަކީ ހުކުރު އަދި ހޮނިހިރު އެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ޖުމްލަ ފަސް ސަރަހައްދެއްގައި ބޭއްވިއިރު ގާތްގަނޑަކަށް 600އެއްހާ ބައިވެރިން އޮޑިޝަންތަކުގައި ބައިވެރި އެމީހުންގެ ހުނަރު ދައްކާލާފައިވެ އެވެ. މިއީ މި ފެންވަރުގައި ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ހަރަކާތެވެ.

އޮޑިޝަންތަކުން ތިއޭޓާ ރައުންޑަށް ނެގި ބައިވެރިންގެ އަދަދު 45 އަށް އަރާއިރު ފުރަތަމަ ދެ ހަފުތާގައި ދައްކާނީ މުޅިން ވެސް އޮޑިޝަންތަކެވެ.

ތިއޭޓާ ރައުންޑަކީ ހައުސް ބޭންޑަކާއި ޓްރެކާ އެކު މާލެ އިން ބޭރު، ކޮންމެ ވެސް ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެގްމެންޓެކެވެ.

މި ރައުންޑަށް ފަހު ދެން އަންނާނީ ޕިއާނޯ ރައުންޑް އެވެ. އޭގައި ވާދަވެރިންގެ އަދަދު 16 އަށް ވެއްޓިގެންދާނެ އެވެ.

ޝޯގެ އެންމެ ފޯރިގަދަ ސެގްމެންޓް އަންނަނީ މި ރައުންޑަށް ފަހު އެވެ. އެއީ ގަދަ 12 އެވެ. މިއީ ބައިވެރިން ޝޯގައި ބޭތިއްބުމުގެ ބާރު ޖަޖުންނާ އެކު ބެލުންތެރިންގެ އަތަށް އަރާ ހިސާބެވެ.

މި ހިސާބުން ފެށިގެން ބައިވެރިންނަށް ވޯޓް ދިނުން ހުޅުވާލާއިރު ޝޯ އިން މީހަކު ކަޓުވާލުމަށް ނުވަތަ ބެހެއްޓުމަށް ބޭނުންވާ ވޯޓްގެ 50 ޕަސެންޓާ ކުޅުމުގެ އިހްތިރާޔު ބެލުންތެރިންނަށް ލިބިގެންދެ އެވެ.

ސްޕޮންސަރުންނަށް އަދިވެސް ފުރުސަތު ހުޅުވާލާފައި އޮތް މި ޝޯގެ ގްރޭންޑް ފިނާލޭ އޮންނާނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެއީ ލައިވް ޝޯ އެކެވެ.

ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ މިއީ ދިވެހިން ފަހުރުވެރިވާނެ އަދި ފަހުގެ ޖީލުގައި ފެންނާޏެ އެންމެ ރަނގަޅު ދިވެހި ޓީވީ ޕްރޮޑަކްޝަނަށް ވާނެ ކަމަށާއި ޕީއެސްއެމްގެ އަމާޒަކީ މި ޝޯ އިން އުފައްދާ ލަވަކިޔުންތެރިން ލައްވައި މުސްތަގުބަލުގެ ސްޓޭޖު ފަޅުފިލުވުން ކަމަށެވެ.

މި ޝޯގެ ޖަޖުން އެނގެނީ ކިހާ ވަރަކަށް؟

ޝޯގެ ތިން ޖަޖުންނަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ކުޅަދާނަ ތިން ލަވަކިޔުންތެރިން ކަމުގައިވާ މަރިޔަމް އުނޫޝާ އާއި އައްމަޑޭ އާއި ކުޑަ އިއްބެ އެވެ.

އެންމެ ފުރަތަމަ އުނޫޝާއިން ފަށައިގަންނަމާ ހިނގާށެވެ. މިއީ ދިވެހި ލަވައިގެ މިއަދުގެ އެންމެ ގަދަފަދަ އަޑެވެ.

މާފަންނު މަދަރުސާގެ ބެޖުގައި 1991 ގައި ސްޓޭޖަށް ނުކުމެ އޭނާ އެންމެ ފުރަތަމަ ކީ ލަވައިގެ ރާގަކީ ބޮލީވުޑްގެ މަޝްހޫރު ޕްލޭބެކް ސިންގާ ކުމާރު ސާނޫގެ "މެ ދުނިޔާ ބުލާނދޫގީ" އެވެ. ކިޑީގެ ނަމުން މަޝްހޫރުވެފައިވާ މި ލަވަކިޔުންތެރިވާ ބުނެފައި ވަނީ އެއީ މަންމަގެ ޗޮއިސްއެއް ކަމަށާއި ސްކޫލް ކުދިންގެ ހުރިހާ ލަވަ މުބާރާތެއްގައި އޭނާ ކިޔަން ޖެހޭ ލަވަ ހޮވީ މަންމަ ކަމަށެވެ. ކިޑީ ބުނާ ގޮތުން ލަވަކިޔުމުގެ ރޮނގުން ކުރިއަށް ދާން އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މަންމަ އެވެ.

އުނޫޝާގެ މަންމަ އާއި ބައްޕަ އަކީ ކުރީގެ މަޝްހޫރު ދެ ލަވަކިޔުންތެރިންނެވެ. އެއީ ލެޖެންޑަރީ ޝަފީގާ އާއި އިމާދު އިސްމާއިލް އެވެ.

އުނޫޝާ އަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވިދާލި ހުނަރެކެވެ. އޭނާ އަކީ ސްކޫލް ލަވަ މުބާރާތުގައި ވިދިވިދިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި އަންހެން ލަވަކިޔުންތެރިޔާ އެވެ.

ސްކޫލް މުބާރާތަށް ފަހު ދެން އުނޫޝާ ފެނިގެން ދިޔައީ މަޝްހޫރު ދިވެހި ބޭންޑްތަކާ އެކުގަ އެވެ. އޭގެ ފަހުން ބޮލީވުޑްގެ ފިލްމަކަށް ވެސް ލަވަ ރިކޯޑްކޮށްފައިވެ އެވެ. އޭނާ އަކީ ބޮލީވުޑުން އެގޮތަށް ފުރުސަތު ލިބުނު ދިވެހި ފުރަތަމަ ފަންނާނު ވެސްމެ އެވެ.

އެންމެން ދަންނަ އަދި އެންމެންނާ ގުޅޭ ކުޑަ އިއްބެ އަށް ޖެހިލާއިރު މިއީ ވެސް ރާއްޖޭގައި ނެތްވަރުގެ މޮޅު ހުނަރުވެރިއެކެވެ. އޭނާ އަކީ ހުރިހާ މުނާސަބަތަކަށް ވެސް ހެޔޮވަރު "ކުޑަ އިއްބެ" އެކެވެ.

ލަވަކިޔުންތެރިއެއް ނުވަތަ މިއުޒީޝަނެއްގެ ގޮތުގައި ކުޑަ އިއްބެ އަށް މި ރާއްޖެއިން ނުލިބޭ އުފަލެއް، ހިތްހަމަޖެހުމެއް މިހާރަކު ނެތެވެ. މިއުޒިކްގެ އިމުގައި އޭނާ ނުބީހޭ ދިމާލެއް އަދި ނުކުޅޭ ރާގެއް ވެސް ނެތެވެ. ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ހިންދީ ރާގުތަކުން ފެށިގެން އަމިއްލަ ރާގާއި މެޓަލިކާ އާއި އަޔަން މެއިޑެން ފަދަ މެޓަލް ބޭންޑްތަކުގެ ރާގުތަކާ ވެސް އޭނާ މި ވަނީ މިއުޒިކްގެ ދުނިޔޭގައި ލޯބި ފައްކާކޮށްފަ އެވެ.

މިވަރުން އަދި ނިމުނީކީއެއް ނޫނެވެ. އަމިއްލަ ރާގުގެ މަދަހަ އާއި ގައުމީ އެކި މުނާސަބުތަކާ ގުޅޭ ލަވަތަކާއި ބޮޑެތި ކާރިސާތަކަށް ހާއްސަ ރާގާއި ލަވަ ވެސް އޭނާ ވަނީ ރިކޯޑްކޮށްފަ އެވެ. ކުޑަކުދިންގެ ލަވަ މުބާރާތްތަކުގައި ވެސް ކުޑަ އިއްބެއަކީ މަޝްހޫރު ނަމެކެވެ. އަދި ޓީވީއަކުން ލަވައާއި މިއުޒިކާ ގުޅިފައިވާ ޝޯއެއް އުފެއްދިޔަސް ނުވަތަ ދިވެހި ސިނަމާއިން ފިލްމެއް ނުވަތަ ޑްރާމާއެއް ކުޅުނަސް އިއްބެ އަކީ މިއަދު ވަރަށް ވެސް މުހިންމު ނަމެކެވެ.

ދެން މި އުޅެނީ އައްމަޑޭ އެވެ. ދިވެހި ގިނަ ބައެއްގެ މެދުގައި އޭނާ މަގްބޫލުކަން ހޯދީ "އެ ހަނދާނުގައި" ޝޯގެ "އަދު މިހާލާތު" އެ ލަވައިންނެވެ. އެކަމަކު އައްމަޑޭގެ ލަވަކިޔުމުގެ ހާލަތަކީ ހަމައެކަނި އެއީއެއް ނޫނެވެ. މިއީ ރާއްޖެއިން މިވަގުތު ނެގެން ހުރި އެންމެ ކުޅަދާނަ މޭލް ވޯކަލިސްޓޭ ވެސް ބުނެވިދާނެ އެވެ. ވަކިން ހާއްސަކޮށް ހައި ޕިޗްގައި އައްމަޑޭއާ ފައިހަމަކޮށްލެވޭ ވަރުގެ ލަވަކިޔުންތެރިން ވަރަށް ވެސް މަދުވާނެ އެވެ.

މިއީ ރޮކް މިއުޒިކުން ފެށިގެން ދިވެހިންގެ ކަންފަތަށް އެންމެ ފަސޭހަ ހިންދީ ރާގުތަކަށް ވެސް ލަވައެއް ކަތިލުމުގެ ގާބިލުކަން ލިބިފައިވާ އާޓިސްޓެކެވެ.

ޝޯގެ އެއް ވަނަ އަށް 250،000ރ.

ދިރާގުން ޓައިޓްލް ސްޕޮންސާކޮށްފައިވާ މި ޝޯ ކާމިޔާބުކޮށް މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ގެންދާ ފުރަތަމަ ލަވަކިޔުންތެރިޔާ އަށް ލިބޭ އިނާމަކީ މިއީ އެވެ. މީގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުންނާ އެކު މިއުޒިކްގެ ގިނަ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

މި ޝޯ އަކީ މަޝްހޫރު އެމެރިކަން އައިޑޮލްގެ ފްރެންޗައިސް ޝޯ އެވެ. މިއީ ދިވެހި މިއުޒިކު އާ އުސްމިނަކަށް ގެންދިއުމަށް ޕީއެސްއެމް އިން ފަށާފައިވާ ވަރުގަދަ ކެމްޕޭނެއްގެ ފެށުމެވެ.