ފިނިޕޭޖް

ޖަޖުންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް، އޯޕަން އޮޑިޝަން ފަށައިފި

Oct 22, 2016
4

އޮޑިޝަނުގައި ބައިވެރިވުމަށް މިއަދު ހެނދުނު ކުޅުދުއްފުއްޓަށް އައި މޯލްޑިވިއަން އައިޑޮލްގެ ޖަޖުންގެ ޓީމަށް މި ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޖަޖުންގެ ގޮތުގައި މި ސީޒަނުގައި ހަރަކާތްތެރިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި ކުޑަ އިއްބެ އަދި އިސްމާއިލް އައްފާނަށް މަލާއި ކުރުނބަލުގެ ފިނިން މަރުހަބާކިޔާފައި ވަނީ ކުޅުދުއްފުށީ ދިރާގު ޓީމުގެ މުވައްޒަފުންނެވެ. ޖަޖުން އައިއިރު މުޅި ކުޅުދުއްފުށި އޮތީ މިއަދުގެ އޯޕަން އޮޑިޝަނަށް ތައްޔާރުވެފަ އެވެ.

އެގޮތުން ހެނދުނު 10ގައި ފެށުމަށް ހަމަޖެހި އޮތް އޯޕަން އޮޑިޝަނަށް ވަރަށް ހެނދުނު ހެނދުނާ މީހުންތައް ވަނީ އޮޑިޝަން ކުރިއަށް ދާ މި ރަށުގެ ތައުލީމީ މަރުކަޒަށް ޖަމާވާން ފަށައިފަ އެވެ.

އޯޕަން އޮޑިޝަނުގައި ޖަޖުންނެއް ބައިވެރިއެއް ނުވާނެ އެވެ. އޯޕަން އޮޑިޝަނުން ހޮވޭ ކުދިން ޖެހޭނީ މާދަމާގެ އޮޑިޝަނުގައި ޖަޖުން އިމްޕްރެސްކުރާށެވެ.

ކުޅުދުއްފުށީގެ އޮޑިޝަން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ. މިއީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ޕްރިމިއާކުރަން ހަމަޖެހިފައިވާ އައިޑޮލްގެ އާ ސީޒަނަށް ޝޫޓްކުރާ ދެ ވަނަ އޮޑިޝަނެވެ. މިދިޔަ ހަފުތާގައި ފޯރިގަދަ އޮޑިޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ އައްޑޫ ސިޓީގަ އެވެ.

އައިޑޮލްގެ ޓީމުން ބުނަނީ ވެސް އަދި ފެންނަ މަންޒަރުތަކަށް ބަލާއިރު ވެސް ކުރިއަށް އޮތް ސީޒަނުގެ ފޯރި އުޅެނީ މާ ގަދަކޮށެވެ.

ކުޅުދުއްފުއްޓަށް ފަހު އައިޑޮލްގެ ޓީމު އަންނަ ހަފުތާގައި ފުރާނީ ބ. އޭދަފުއްޓަށެވެ. އެއަށް ފަހު ލ. ގަމުގައި ވެސް މިފަހަރު އޮޑިޝަން އޮންނާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް އެނާޖީ ޑްރިންކަކީ އެކްސެލް އެވެ.