ރިޕޯޓް

އޯޕެން އޮޑިޝަން: މިއީ ނޫ ޖަވާހިރެއް ކޮނެގެން ނެގުން ކަހަލަ ކަމެއް!

ތަދު، އެ ނޫ ޖަވާހިރަކީ މޯލްޑިވިއަން އައިޑޮލް ކަމަށް ބަލަމާ ހިނގާށެވެ. އެހެންވީމަ މިއީ އެއްގޮތަކަށް ވެސް ހޯދަން ފަސޭހަވާނެ ޓެލެންޓެއް ނޫނެވެ. އެ ނޫ ޖަވާހިރު ވަޅުލެވިފައި އޮތީ ރާއްޖޭގެ ސީދާ ކޮން ހިސާބެއްގައި ކަމެއް، ކޮން އަތޮޅެއް ނުވަތަ ކޮން ރަށެއްގައި ކަމެއް ދެނެގަނެވޭކަށް ވެސް ނެތެވެ.

އެހެންވީމަ އައިޑޮލްގެ ޓީމަށް މި ޖެހެނީ، އެ ނޫ ޖަވާހިރުހެން ހީވާ ހުރިހާ ޖަވާހިރަކާއި ހިލައަކާއި ކަށިވެއްޔެއް ވެސް ކޮނެގެން ނަގައި ބޮޑެތި ދިރާސާތަކެއްކުރާށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓެލެންޓް ހަންޓްގެ ދިގު އަދި ބުރަ މަސައްކަތުގެ މަރުހަލާގައި އަންނަ، އޯޕެން އޮޑިޝަން އެހެން ހުރިހައި ކަމަކަށް ވުރެން ހާއްސަވެގެން ދަނީ މި ސަބަބާ ހެދި އެވެ.

އޯޕެން އޮޑިޝަނަށް މަރުހަބާ!

ކުޅުދުއްފުށީގެ "ވެލިގަނޑަށް ގަނބާ" މަގުތަކާއި ދުއްވާލަން ފަސޭހަ ތާރުއެޅި ބޮޑުމަގު ކަޑައްތުކޮށް، މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ކުރިއަށް ގެންދާ ހދ. ތައުލީމީ މަރުކަޒު ކައިރިއަށް ގޮސް އަޅުގަނޑާއި ފޮޓޯގްރާފަރު ސައިކްލުގައި މަޑުކޮށްލިއިރު ހެނދުނު އަށް ގަޑި ބައި ވަނީ އެވެ.

ދުވަހުގެ އޯޕަން އޮޑިޝަން ފެށުމަށް ހަމަޖެހިފައި ވަނީ ގާތްގަނޑަކަށް 10އެއް ޖަހާއިރު އެވެ. އެކަމަކު އޭރު ވެސް ސްކޫލްގެ ބޭރުގައި ދެ ތިން ކުއްޖަކު މަޑުކޮށްލައިގެން ތިއްބެވެ. އޯޕަން އޮޑިޝަނަށް ގޭޓް ހުޅުވާލާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

ކުދިންތައް މަދުވުމާއި އޯޕެން އޮޑިޝަން ފަށަން ގިނައިރުތަކެއް ބާކީއޮތުމުން ފޮޓޯގްރާފަރު ގޮވައިގެން އަނެއްކާވެސް ރަށު ތެރޭގައި ބުރެއް ޖަހާލުމަށް ފަހު އެނބުރި އައިއިރު ކަމުދާކަށް ނެތެވެ. ކުޅުދުއްފުއްޓާއި މި އަތޮޅުގެ އެކި ރަށްތަކުން އޮޑިޝަނަށް އައިސް ތިބި ކުދިންނާއި މީހުންނާއި އާއިލާތަކާ އެކު ތައުލީމީ މަރުކަޒު އޮތީ ގާތްގަނޑަކަށް ފުރިގެން ބަންޑުންވާން ކައިރިވެފަ އެވެ.

އެހިސާބުން ދުވަހުގެ އޯޕެން އޮޑިޝަން ފެށުނީ އެވެ.

އެއަށް ފަހު "ޓެލެންޓް ރޫމަށް" ވަނުމުގެ ވަގުތު ޖެހެން ދެން ސްކޫލްގެ ގޯތި ތެރެއިން މެދުނުކެނޑި އިވެމުން ދިޔަ އަޑަކީ ހުނަރު ދައްކާލަން އައިސް ހިތާއި ހަތަރެސްފައި ތެޅިލަތެޅިލަ ތިބި މި އެންމެން އެކި ރާގުރާގަށް އެކި ފެންވަރުގައި ތަފާތު ވޭރިއޭޝަންތައް ލައްވަމުން ޕްރެކްޓިސް ކުރަމުން ދިޔަ ލަވަތަކުގެ އަޑެވެ. އެއް ބަޔަކު ގިޓާ ކުޅެމުން ދެން ތިބި ބައިވެރިން ވެސް އާޝޯހުކުރުވަމުން ދިޔައިރު ޕިޗަށް އަރައި ނުހިފެހެއްޓިގެން ތިބި ކުދިން ވެސް ފެނެ އެވެ.

މި ސަކަރާތަކާއި ފޯރިއެއްގައި ތިއްބައި އެންމެފަހުން އޯޕަން އޮޑިޝަންގެ ޝޫޓިން ރަސްމީކޮށް ފަށައިފި އެވެ. އެހިސާބުން އެންމެން ވެސް ދުވެފައި ނުކުތީ ސްކޫލުން ބޭރަށެވެ.

އެކެއް! ދޭއް! ތިނެއް! އެކްޝަން!

އޮޑިޝަންގެ ކުރިން ޝޫޓްކުރަން ޖެހޭ ބޮޑު މަންޒަރު ޝޫޓްކުރުމަށް އެންމެން ތައްޔާރުވީ އެވެ. ލަވަކިޔަން އައި ބައިވެރިން އައިޑޮލްގެ ނޫ ކުލައިގެ ދިދަތައް ވިހުރުވަމުން ގެންދިޔައިރު މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމާ އެކު ކުޅިބަލާ މީހުން ވެސް އެ ހިސާބުގަނޑަށް ޖަމާވެފައި އޮތެވެ.

ދެން ފެނިގެން ދިޔައީ މަންޒަރަކަށް ފަހު މަންޒަރެއް، އޭންގަލަކަށް ފަހު އޭންގަލަކުން ޝޫޓްކޮށް މި އޮޑިޝަނުގެ އޯޕެނިން ޝޮޓް ނުވަތަ އިންޓްރޯ ޝޫޓްކޮށް ނިންމައިލި ތަނެވެ. އެކަމަކު މިހެން ލިޔެލިޔަކަސް ނުވަތަ ކިޔައިދިނަކަސް މީގެ އެންމެ މަންޒަރެއް ނެގުމަށް ވެސް އައިޑޮލްގެ ޓީމުން ކުރާ މަސައްކަތުގައި ހުރި ބުރަކަމެއް އަދި ހޭދަކުރާ ވަގުތުތައް ދިގުދެމިގެންދާ މިންވަރެއް ނުވަތަ އޮހޮރުވާ ދަލުގައި ދޭ ވަހެއް ވެސް އިހްސާސެއް ނުކުރެވިދާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ މަސައްކަތަށް ޕީއެސްއެމް އިން މިފަހަރު އެކުލަވާލާފައިވާ ޓީމުގެ އަދަދަކީ 38 ކެވެ. މިއީ ސީޒަން އެކެއްގައި މަސައްކަތްކުރި ޓީމަށް ވުރެން ތަންކޮޅެއް ބޮޑު ޓީމެކެވެ. މިދިޔަ ސީޒަން ޝޫޓްކޮށް އެ ހުރިހާ ކަމެއް ކުރީ 32 މީހުންގެ ޓީމަކުންނެވެ. މި އަދަދު މި ސީޒަނުގައި 38 އަށް އަރާފައިވިޔަސް މިއީ އަދިވެސް މިފަދަ ބޮޑު ޝޯއަކަށް ބަލާއިރު ވަރަށް ވެސް ކުޑަ ކުޑަ ޓީމެކެވެ.

އެކަމަކު ހުނަރުން ފުރިގެން ބަންޑުންވެލަވެލަ އޮތް ޓީމެކެވެ. ފްރެންޗައިޒްޑް އުސޫލުން މޯލްޑިވިއަން އައިޑޮލް ވެސް ކުރިއަށް ގެންދާ ޔޫކޭގެ، ފްރިމެންޓަލް މީޑިއާގެ ބޮޑެތި ތަޖުރިބާކާރުން ވެސް މި ޓީމެއްގެ ހުނަރަށް އަނގަހުޅުވިފައި ތިބީ މި ސަބަބާ ހެދިކަން ވަރަށް ޔަގީނެވެ.

އައިޑޮލް ޓީމުގެ އޮޑިޝަންތައް މި ސީޒަނުގައި ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދާއިރު 38 މެމްބަރުންގެ މި ޓީމު ހިންގަމުން ދަނީ ހަ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. އެގޮތުން އޮން ލޮކޭޝަންތަކުގައި ނުވަތަ އޮޑިޝަން ސެޓްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރަމުން ދަނީ ކްރިއޭޓިވް ޑައިރެކްޓަރު އާމިނަތު އަޒޫ އާއި ޒުވާން ޑައިރެކްޓަރު ޝަމްހާން ހަމީދު (ސޭމް) ސައުންޑް އަދި ޓެކްނިކަލް ޑައިރެކްޓަރު ޖިނާ އާއި ސީނިއާ ކެމެރާމަން މުހައްމަދު އަބްދުﷲ އާއި ޓެކްނިކަލް ޑައިރެކްޓަރު އަހުމަދު މުހައްމަދުގެ އިތުރުން ޝޯގެ ޕްރޮޑަކްޝަން މެނޭޖަރު މުޖުތަބާ ރަޝީދު (މުޖޫ) އެވެ.

މީގެ އިތުރުން ޝޯގެ ރަހަ ހެޔޮވަރުކުރުމުގެ ދިގު މަރުހަލާގައި މަސައްކަތްކުރާ ރިއާލިޓީ ޓީމުގެ އެންމެ އިސް ދެ ހުނަރުވެރިޔަކީ އަހުމަދު ކަރަމް އާއި މުހައްމަދު ވިޝާލް ޒަކީ އެވެ.

އޯޕެން އޮޑިޝަން ކުރިއަށް ދަނީ ކިހިނެތް؟

ކުރިން ވެސް ބުނި ގޮތަށް މިއީ "ޓެލެންޓް ފުރޭނެކެވެ." އެހެންކަމުން މުޅި އޮޑިޝަނަށް ބަލާއިރު ވެސް އޯޕެން އޮޑިޝަން މި ވަނީ އެހެން ހުރިހާ ކަމަކަށްވުރެން ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަކަށެވެ. ނަން ނޯޓުކޮށްގެން އޮޑިޝަނުގައި ބައިވެރިވާ އެންމެނާ ވަކިވަކިން އިންޓަވިއުކޮށް އެމީހުންގެ އެންމެ އާދަޔާހިލާފު ހުނަރަކީ ނުވަތަ ކަމަކީ ކޮބައިތޯ ބެލުން މުޅި ދުވަހު ކުރިއަށް ގެންދަން ޖެހެނީ މި ސަބަބާ ހެދި އެވެ.

އޯޕެން އޮޑިޝަނުގައި ބައިވެރިވާ ކުދިންނާ އެންމެ ފުރަތަމަ ސިލްސިލާ އިންޓަވިއުސްތަކެއް ކުރިއަށް ގެންދާނީ ކަރަމް އާއި ވިޝާލްގެ އިތުރުން އެމީހުންގެ ބެލުމުގެ ދަށުގައި އޮންނަ ޓީމަކުންނެވެ. އިއްޔެ ވެސް ސްކޫލްގެ ގޯތިތެރޭގެ އެކި ހިސާބުތަކުގައި އެމީހުން ކޭމްޕް ޖަހައިގެން އެތައް ގަޑިއިރެއް ވަންދެން ފަހަރު ކުއްޖަކާ އިންޓަވިއުކުރަމުން ގެންދިޔަ މަންޒަރު ފެނެ އެވެ.

މި ދިގު އިންޓަވިއުތަކަށް ފަހު އޮޑިޝަންގެ ބައިވެރިން ދެން ވައްދާނީ "ޓެލެންޓް ރޫމް" އަށެވެ. މިއީ މުޅި ޝޯގައި ވެސް އެންމެ ބޮޑަށް ސިއްރުކުރެވިގެން ކުރިއަށް ގެންދާ މަރުހަލާ އެވެ. ޓެލެންޓް ރޫމަކީ ގާތްގަނޑަކަށް ހަ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިފައި އޮންނަ ޓީމެކެވެ.

މިއަދު އޮންނަ ޖަޖަސް އޮޑިޝަނަށް ފެހި ސިގްނަލް ލިބޭނީ މި ޓެލެންޓް ރޫމެއްގައި ތިބި ތަޖުރިބާކާރުން އިމްޕްރެސްކޮށްލެވުނު ވަރަކުންނެވެ. އިމްޕްރެސްކުރަން ބަލާއިރު ކޮންމެހެން މާ މޮޅު ލަވަކިޔުންތެރިޔަކަށްވުން ވެސް ހަގީގަތުގައި މުހިންމެއް ނޫނެވެ. – އާދަޔާހިލާފު މީހެއް ނަމަ ފުރުސަތު އޮތީ ބޮޑުކޮށެވެ.

އޯޕެން އޮޑިޝަނަށް ފުރާނީ ކައިގެން! ނުކައި ނުފުރާތި!

ކެޔަސް ނުކެޔަސް މައްސަލައެއް ނެތެވެ. މޯލްޑިވިއަން އައިޑޮލްގެ ޓީމުން ތަފާތު އެކި ކަހަލަ ބުއިންތަކާއި ކެއުންތައް އޮޑިޝަންގެ ބައިވެރިންނަށް މެދުނުކެނޑި ދެމުން ގެންދާނެ އެވެ. އެހެންވީމަ ކިތަންމެ ދުރުން އޮޑިޝަނަށް އައިސް ހުއްޓަސް މި ޓީމަކާ އެކެ ހާސްވާނެ ކަމެއް ނެތެވެ.

އެކަމަކު އޮޑިޝަނުގައި ބައިވެރިވާ ނަމަ ހުރިހާ އެހެން ކަމެއް ދޫކޮށްލާފައި އަންނަ މީހުން ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ.

މިއީ ވަރަށް ވެސް ގިނައިރު ހޭދަވާ ކަމެކެވެ. މޮޅެތި ކަންތައްތައް ވާނީ ވަރަށް ލަހުން، ވަރަށް ދުވަހުންނޭ މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ މޯލްޑިވިއަން އައިޑޮލް އަކީ މޮޅުކަމެކެވެ. މޮޅު އެއްޗެކެވެ. އެހެންވީމަ މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ކާމިޔާބުކުރުމުގެ އަޒުމު ހިތުގައި އޮތީ ކަމުގައި ވަނީ ނަމަ، އެ ޓެލެންޓް ދެއްކުމަށް ބޭނުންވާހާ ވަގުތެއް އެންމެ ފުރަތަމަ ހޯދާށެވެ.