މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް: ވަރަށް ފުރިހަމަ، ތައުރީފު އޮހެނީ!

"އެންމެފަހުން ބަލައިލަން ކަމުދާ ވަރުގެ ޓީވީ ޝޯއެއް ދިވެހިން އުފައްދައިފި،" މިއީ ރޭ ޓީވީއެމް އިން ޕްރިމިއާކުރި ފްރެންޗައިސް ރިއާލިޓީ ލަވަ މުބާރާތް، މޯލްޑިވިއަން އައިޑޮލްގެ ބެލުންތެރިޔަކު ދިން ހިޔާލެކެވެ.

އެހެން މީހަކު ބުނީ މިއީ އިޝްތިހާރަށް ވެސް މެދުކަނޑާލާ ވަރަށް ވުރެ ފޯރިގަދަ ބަލައިފޫހިނުވާ ފެންވަރަށް ތަރައްގީކޮށްފައިވާ ޓީވީ ޝޯއެއް ކަމަށެވެ.

"މި ފެންވަރުގެ ޓީވީ ޝޯއެއް އަދި މި ބެލުނީ އަލަށް ދިވެހި ޗެނަލަކުން. ދިވެހިންގެ މި ފެންވަރު ހުރިކަން މީގެ ކުރިޔަކުން ނުދެނަހުރިން،" މިއީ ވެސް ރޭގެ ޕްރިމިއާ ނައިޓް އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި ބެލި މީހެއްގެ ހިޔާލެވެ.

"އަޅުގަނޑު މިއީ އެއްގޮތަކަށް ވެސް ދިވެހިން އުފައްދާ މިފަދަ ލަވަ މުބާރާތްތަކަށް ޝައުގުވެރިވާ މީހެއް ނޫން. އެކަމަކު ޕީއެސްއެމްގެ މި އުފެއްދުމުގެ ކޮލިޓީ އާއި އެއިން ދައްކުވައިދިން ޓެލެންޓް ފެނިފައި ހަމަ ކޮސްވެއްޖެ. މިއީ ނުބަލައި ދޫކޮށްލާވަރުގެ ޝޯއެއް ނޫން،" ޝޯ ބެލި އެހެން މީހަކު ބުންޏެވެ.

އެއީ ތެދެކެވެ. މިއީ ނުބަލައި ދޫކޮށްލާވަރުގެ ޓީވީ ޝޯއެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުން މި ވަނީ އެންމެފަހުން އެކަން ސާބިތުވެސްކޮށްދީފަ އެވެ.

ސޯޝަލް މީޑިއާ އަށް ރޭގެ ޝޯގެ ޕްރިމިއާއާ އެކު އާންމުން އޮއްސާލާފައިވާ ހިޔާލުތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ މި ޝޯގެ ފެންވަރު ދިވެހިން އުފައްދާ މިފަދަ އެހެން ޝޯތަކަށް ވުރެ ރަނގަޅު ކަމަށް ބުނެ އެވެ. ވަކިން ހާއްސަކޮށް ޝޯގެ ހުށަހެޅުންތައް ގެނެެސްދީފައިވާ ގޮތާއި ފުރިހަމަ އަދި ބަލާހިތްވާ ކަހަލަ ޝޯއަކަަށް މި ޝޯ ހެދުމަށް ޕްރޮޑަކްޝަން ޓީމުން ކޮށްފައިވާ މަސައްކަތް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މިފަދަ ޝޯއެއްގެ މުހިންމުކަން ބޮޑު ކަމަށް ބުނެ އާންމުންކޮށްފައިވާ ހިޔާލުތައް ވެސް ފާހަގަކޮށްލެވެ އެވެ. މޯލްޑިވިއަން އައިޑޮލް އަކީ ލަވަކިޔުމުގެ ފުރުސަތު ސްޓޭޖަކުން ނުލިބިފައި ތިބި އެތައް ބަޔަކު އެއްތަން ކުރުވައި އެމީހުންނަށް އެ ފުރުސަތު ހޯދައިދޭ ޝޯއެކެވެ.

ރެއަކީ ވެސް އެފަދަ އެތައް ޓެލެންޓަކާއި ފޯރިއާއި މަޖަލާއި ހިތާމަ ވެސް ފެނިގެން ދިޔަ ހިތްގައިމު ޝޯއެކެވެ.

ގާތްގަނޑަކަށް 80 ޕަސެންޓް މީހުން ޝޯ ބެލި!

މިއީ މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުގެ ލަފާކުރުމެކެވެ. މިއީ ދޮގެކޭ ބުނާ ވަރަށް ވުރެ ޔަގީނަށް ވެސް މޯލްޑިވިއަން އައިޑޮލްގެ ފޯރި އޮތީ މި މާލެ އާއި ރާއްޖޭގެ އެހެން ހުރިހާ ހިސާބެއްގައި ވެސް ގަދަކޮށެވެ.

ބުނެވޭ ގޮތުގައި ރޭގެ ޕްރިމިއާ ނައިޓާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ބަޔަކު އޮލިމްޕަހާއި ޝްވެކް ސިނަމާގައި މި ޝޯ ބެލިއިރު އެ ވަގުތަށް ގެއަށް ވަދެ ސިޓިންރޫމުގައި ޖައްސާލި މީހުންނާ އެކު މާލޭގެ ބޮޑެތި މަގުތައް ވެސް ވަނީ ފަޅުވެފަ އެވެ. އަދި ގިނަ ރަށްރަށުގައި ވެސް މޯލްޑިވިއަން އައިޑޮލްގެ ވަގުތާ ދިމާކޮށް މަގުތަކުގެ ހަލަބޮލިކަން ކުޑަވެގެން ދިޔަ ކަމަށްވެ އެވެ.

އެއްގޮތަކަށް ވެސް ރޭގަނޑުގެ ގަޑިން ދިހައެއް ޖަހައިގެން ފިހާރަތައް ބަންދުކުރީމަކާއެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގެ ޕްރިމިއާ ޝޯ ބަލަން އެންމެން ގެއަށް ވަދެ ދޮރު ލެއްޕީ އެވެ.

މިއީ ހަގީގަތުގައި ވެސް ގަބޫލުކުރެވޭ ވަރުގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ އަށް އަދި ރޭގައި ފެނުނު މަންޒަރުތަކަށް ބަލާއިރު ވެސް މޯލްޑިވިއަން އައިޑޮލްގެ އެ އެޕިސޯޑް ވަނީ ދިވެހިންގެ އެތައް ހިތްތަކަކާ ކުޅެލައިފަ އެވެ.

ފެވަރިޓް ޖަޖަކަށް އިސާހިތަކު އައްމަޑޭވެއްޖެ!

މި ފްރެންޗައިޒް ޝޯގެ ވަރަށް މުހިންމު ތިން މެމްބަރުންނަކީ ޝޯގައި ވާދަކުރާ ލަވަކިޔުންތެރިންނަށް ހުކުމް އިއްވާ ތިން ފަނޑިޔާރުންގެ ގޮތުގައި ތިބި ކުޅަދާނަ ލަވަކިޔުންތެރިން ކަމުގައިވާ ކުޑަ އިއްބެ އާއި މަރިޔަމް އުނޫޝާ އަދި އައްމަޑޭ އެވެ.

ޝޯ ފެށުނީއްސުރެ އައްމަޑޭ ވެގެންގޮސްފައި ވަނީ އޭގެ އެންމެ ބޮޑު ހިޓަށެވެ. ޔަގީނަށް ވެސް ޓެލެންޓް ދައްކަން ދިޔަ އެތައް ބައެއްގެ އެންމެ ބޮޑު ފެވަރިޓަކަށް ވެސް އާޚިރުގައި ބަދަލުވެގެން ދިޔައީ އެފަދަ ދެ ވަނައެއް ނެތް ލަވަކިޔުންތެރިޔާ އައްމަޑޭ އެވެ.

ރޭގެ ޝޯގައި އައްމަޑޭ ފެނިގެން ދިޔައީ ފުދޭވަރަކަށް މަޖާ އަދި ޖެހިލުންކުޑަކަމާ އެކު ފާޑުކިޔުމާއި ތައުރީފު އޮއްސުމުގައި ކުރިއަށް ދިޔަތަނެވެ. ޔަގީނަށް ވެސް ރާއްޖޭގެ އައިޑޮލް ޝޯގެ "ސައިމަން ކައުލް" އަކީ އައްމަޑޭކަމާ މެދަކު ދެބަސްވާނެ މީހަކު ނެތެވެ.

ބެލުންތެރިން އަދި ޝޯގައި ވާދަކުރާ ލަވަކިޔުންތެރިންގެ ފެވަރިޓަކަށް އައްމަޑޭވިޔަސް ކުޑަ އިއްބެ އާއި އުނޫޝާގެ ޖަޖިން ޕާފޯމެންސަށް ވެސް ތައުރީފު އޮހުނެވެ.

ފާސްވީ 12 ލަވަކިޔުންތެރިން! ފެވަރިޓަކީ ކާކު؟

ރޭގެ ޝޯ ނިންމާލިއިރު ގޯލްޑެން ޓިކެޓް ލިބުނީ މާލޭގެ ފުރަތަމަ ދުވަހުގެ އޮޑިޝަނުގެ ބައިވެރިންގެ ތެރެއިން ޖުމްލަ 12 ލަވަކިޔުންތެރިޔަކަށެވެ. މި 12 ލަވަކިޔުންތެރިން ހޮވުމަށް ކުރި ދަތުރަކީ ހެއްވާ މަޖާ އެއްތައް ކަމެއް ކަޑައްތުކުރަން ޖެހުނު ދިގު އަދި ފަހަރެއްގައި ވޭނުން ފުރިގެންވީ ދަތުރެއް ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަަކަސް ރޭގެ ޝޯ އިން ހޮވި 12 ލަވަކިޔުންތެރިންނާ މެދު ބެލުންތެރިންގެ ވެސް މާ ބޮޑު ޝަކުވާއެއް ނެތެވެ. އެހެންވީމަ މި 12 ލަވަކިޔުންތެރިންގެ ތެރެއިން އެ އެޕިސޯޑްގެ ފެވަރިޓަކީ ކާކު ހެއްޔެވެ؟

އެޕިސޯޑް ހުޅުވައިދިން 25 އަހަރުގެ ލަވަކިޔުންތެރިޔާ މުހައްމަދު މުއައްޒިން ނައީމް އަށް ގިނަ ބައެއްގެ ތައުރީފު އޮހުނުއިރު އެޕިސޯޑް ބަންދުކޮށް ފޮއްޓަށްލި ޒުވާން އިބްރާހިމް އަމާން އަކީ ވެސް އެ ލަވަކިޔުންތެރިއެއްގެ އާދަޔާހިލާފު ހުނަރުވެރިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އަދިވެސް ބެލުންތެރިން އަނގަތަޅަމުން އަންނަ ހުނަރުވެރިއެކެވެ.

ދެން ކޮންމެއަކަސް މި ހުރިހައި ހުނަރުވެރިންނަށް ވާނޭ ގޮތް ބަލަން ތިިބެމާ ހިނގާށެވެ. އަދި މި ނިމުނީ އެންމެ އެޕިސޯޑެކެވެ. ކުރިއަށް އަދި 29 އެޕިސޯޑް އެބައޮތެވެ.