ދުނިޔެ

އެމެރިކާގެ ތާއީދު ކުޑަނުވާ ނަމަ ޒެލެންސްކީ ދަތުރެއް ނުކުރައްވާނެ: ކުރީގެ ތަރުޖަމާން

ޔުކްރޭނަށް އޮތް އެމެރިކާގެ ތާއީދު ކުޑަނުވާ ނަމަ ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އެމެރިކާއަށް މި ދަނޑިވަޅުގައި ވަޑައި ނުގަންނަވާނެ ކަމަށް ވައިޓް ހައުސްގެ ކުރީގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވެއްޖެ އެވެ.

ޔުކްރޭންގެ އަވަށްތަކަށް ބޮންއަޅައި ރޮކެޓް ހަމަލާތަކުން ސުންނާފަތި ކުރަމުން ގެންދާ މި ދަނޑިވަޅުގައި ޒެލެންސްކީ އެމެރިކާއަށް ހާއްސަ ދަތުރެއް ކުރައްވާނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޖެން ސާކީ ވިދާޅުވީ މިއީ އެމެރިކާގެ ގާނޫންހަދާ މަޖިލީހަށާއި އަދި އާންމުވެސް ހިމެނޭ ގޮތުން ރަނގަޅު ވިޔަފާރިއެއް ކުރެވިދާނެ ދަނޑިވަޅެއް ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހާ މުހާތަބު ކުރެއްވުމަށް ޒެލެންސްކީއަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހެޔޮ ފާލެކެވެ. ދިގުދެމިގެންދާ ގޮތުގައި އަޑުބާރު އަތްތިލަބަޑިއެއް އޭނާއަށް މަޖިލީހުން ލިބިވަޑައިގަންނަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒެން ސާކީ ވިދާޅުވި އެވެ.

ރިޕޯތްތައް ބުނާ ގޮތުން ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތީ ރަޝިއާއާ ދެކޮޅަށް ހަމަލާތައް ވަރުގަދަ ކުރެއްވުމަށް އަސްކަރީ އެހީ ހޯއްދެވުމަށެވެ. އަދި ޔުކްރޭން ހަނގުރާމަ ދެމިއޮތްހައި ހިނދަކު އެމެރިކާގެ އެހީތެރިކަން ކަށަވަރު ކުރެއްވުމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ވައިޓް ހައުސްގައި ބައްދަލު ކުރައްވައި ޒެލެންސްކީ ވަނީ ހާލަތު ބަޔާން ކުރައްވާފަ އެވެ. އަދި ބައިޑަން ވެސް ވަނީ ޔުކްރޭނަށް ސަޕޯޓް އޮންނާނެ ކަމަށް ވިދާޅުވެ ޒެލެންސްކީ ބޭނުންފުޅުވި ޔަގީންކަން ދެއްވާފަ އެވެ.

ޔުކްރޭނަށް އެހީދެއްވުމުގެ ގޮތުން ބައިޑަން ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި 1.85 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއެއް ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމްތައް ފޮނުއްވާނެ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އިސްތިއުމާރީ ބިރު އޮތީ ހަމައެކަނި ޔުކްރޭނަށް ނޫން ކަމަށެވެ. އެއީ ކޮންމެ ގައުމަކަށް އަދި ކޮންމެ ދައުލަތަކަށް ވެސް އޮތް ބިރެއް ކަމަށެވެ.

ކޮންމެ ގޮތަކަށް ކަންތައް ފުރޮޅެމުން ދިޔަ ނަމަވެސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔުކްރޭން އޮތީ ބިމާއި ވަތަނާއި ރައްޔިތުންގެ ދިފާއުގަ އެވެ.

ރަޝިއާ ދެކެ ބިރުން އަމާން ނުދެއްވާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.