ލައިފްސްޓައިލް

ނުހިނގޭ ބަލި ދަރިފުޅުގެ މަރުގެ ޒިންމާ މަންމަ އުފުލައިފި

އިނގިރޭސި ވިލާތުގެ މަންމައަކު އޭނާގެ ޓީންއޭޖް ފުރައިގެ ދަރިފުޅު އާދަޔާހިލާފު ގޮތަކަށް މަރާލި ކަމަށް އެއްބަސްވެއްޖެ އެވެ. އެ އަންހެންމީހާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ކާނެ ވަރަކަށް ކާން ދޫކޮށްލުމުން ފަލަބަލި ޖެހި އެ ބަލީގައި ހެލިފެލިވެ ނޫޅޭވަރު ވެގެން މަރުވުމުގެ ޒިންމާ އޭނާ ނަގަ އެވެ.

ސާރާ ލޮއިޑް ޖޯންސް، 39، ގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާގެ 16 އަހަރުގެ ދަރިފުޅު ކޭލިއާ ޓިޓްފޯޑް އަށް އިހުމާލުވެ އޭނާއަށް އިހާނެތިކޮށް ކަންތައްކުރުމުގެ ސަބަބުން މަރުވެފައިވާތީ އެވެ.

ވޭލްސް ނިއުސް ސާވިސްގައިވާ ޚަބަރެއް ބުނާ ގޮތުން ކޭލިއާ އަކީ ވީލްޗެއާގައި އިންނަ ނުހިނގޭ ކުއްޖެކެވެ. ވޭލްސްގައި ހުންނަ އެމީހުންގެ އާއިލާ ދިރިއުޅޭ ގޭގައި ކޭލިއާ ނިދާ ކޮޓަރީގެ އެނދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އޮކްޓޫބަރު 2020 ގައެވެ. ކޭލިއާ އަށް ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިއްސުރެ ދިމާވެފައި ވެއެވެ. އޭގެ ތެރޭގައި ސްޕައިނާ ބިފިޑާ ކިޔާ ބައްޔެއް ހިމެނެ އެވެ. މި ބަލީގެ ސަބަބުން މައިބަދައަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހުރެ ކޭލިއާ އަށް ހިނގާބިނގާވެ ނޫޅެވެ އެވެ.

ކޭލިއާ މަރާލީ އޭނާގެ މައިންބަފައިން ކަމަށް ބުނެ އެމީހުންނާ ދެކޮޅަށް ދައުވާ ކުރަނީ އެމީހުން ގަސްތުގައި އެ ކުއްޖާ މަރާލައިގެނެއް ނޫނެވެ. ކޭލިއާގެ ކެއުމަށާއި ކަސްރަތު ކުރުވުމަށް ސަމާލުކަން ނުދީ އޭނާ އޮތް ތަނުގައި ބާއްވައިގެން މާ ގިނައިން ކާންދީދީ އާދަޔާހިލާފަށް ފަލަވެގެން ގޮސް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން އޭނާ މަރުވެފައިވާތީ އެވެ. އަދި އޭނާއަށް ބޭނުންވާ ޑޮކްޓަރީ ފަރުވާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންގޮސްފައި ނުވާތީ އެވެ.

މޯލްޑް ކްރައުން ކޯޓުގައި މިމަހުގެ 12 ވަނަ ދުވަހު އޮތް އަޑުއެހުމެއްގައި ކޭލިއާގެ މަންމަ ލޮއިޑް-ޖޯންސް ވަނީ ކޭލިއާ މަރުވީ އޭނާގެ އިހުމާލުން ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ކޭލިއާގެ 44 އަހަރުގެ ބައްޕަ އެލަން ޓިޓްފޯޑް މި ކަމަށް އިންކާރު ކުރެ އެވެ. އޭނާގެ ޝަރީއަތް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

ކޭލިއާ އަކީ މައިބަދަގެ މައްސަލައިގެ އިތުރުން ސިކުނޑީގައި ފެން ހެދޭ ބައްޔެއް ކަމަށްވާ ހައިޑްރޯސެފަލެސް ކިޔާ ބައްޔެއް ވެސް ހުންނަ ކުއްޖެކެވެ. އޭނާއަށް އެއްގޮތަކަށް ވެސް އަމިއްލަ ހާލައިގެން ތެދުވެއެއް ނޫޅެވެ އެވެ.

އެނދުގައި އޮތްގޮތަށް އޮއްވާ ކާން ދީދީ މާ ބޮޑަށް އޭނާ ފަލަވެ ފަލަބަލީގެ ޝިކާރައަކަށް ވީ އެވެ. އަދި އެހެން ހަރަކާތެއް ނެތި ގިނަ ދުވަހު އޮންނަން ޖެހުމުން ހަށިގަނޑުގެ އެކި ތަންތަން ފާރުވެ އެތަންތަނުގައި ޖަރާސީމު އަށަގަނެފައި ވެއެވެ. އަދި އިންފްލެމޭޝަން އާއި އިންފެކްޝަންގެ މައްސަލަތައް އޭނާއަށް ކުރިމަތިވި އެވެ.

ކޭލިޔާ މަރުވީ ގުދުރަތީ މަރަކުން ނަމަވެސް އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ އޭނާއާ މެދު އޭނާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ އޭނާގެ މައިންބަފައިން ވީ އިހުމާލުންކަމަށް ކޯޓުގައި ދައުލަތުގެ ވަކީލުން ބުނެފައި ވެއެވެ.

ކޭލިއާ ބަލަން އުނދަގޫވެގެން އޭނާ އަށް ކާން ދީފައި މަރުވާން ދޫކޮށްލާފައި އޮތީ ކަމަށް އޭނާގެ މައިންބަފައިންނަށް ކުރާ ދައުވާގައި ބުނެ އެވެ. އަދި ކޭލިއާގެ މަންމަ މިކަމާ ވަނީ އެއްބަސް ވެފަ އެވެ. ޚުދް އޭނާ ވެސް ކޯޓުގައި ބުނެފައިވަނީ ކޭލިޔާ މަރުވީ އޭނާގެ އިހުމާލުން ކަމަށެވެ.