އިންޑިއާ އިން އެމަނިކުފާނާ ނުރުހޭނަމަ ޖަލަށްލެވިދާނެ ކަމަށާއި އެކަމަކު އިންޑިއާއަށް ވިކި ބުނާހާ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އަނެއްކާވެސް އިންޑިއާ އަށް ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ޖަލަށްލާ ވާހަކަ އެމަނިކުފާނު އަނެއްކާވެސް ދައްކަވާފައި މިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑާކުރުމުގެ ތުހުމަތުގައި ދައުލަތުން ޔާމީނަށް ކުރާ ދެ ދައުވާގެ އަޑުއެހުންތައް ނިމި އަންނަ އާދިއްތަ ދުވަހު އެމަނިކުފާނަށް ހުކުމް ކުރުން ތާވަލްކޮށްފައި ވަނިކޮށެވެ.
މާލޭގެ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އިން ރާއްޖޭގައި ކުރަމުންދާ ގިނަ މަސައްކަތްތަކަކީ އެމަނިކުފާނު ނަފްރަތު ކުރައްވާ ކަންތައްތަކެއް ކަމަށެވެ. އިންޑިއާ އިން ރާއްޖެއަށް އެހީވުމުގެ ނަމުގައި ދޭ ލޯން ތަކުން ރަނގަޅު މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވޭތީ އެއީ ބޭނުން ހިފޭ ލޯންތަކެއް ނޫން ކަމަށްވެސް ޔާމީން ވަނީ ސިފަކުރައްވާފަ އެވެ.
"އެކަމަކު އެ ލޯނުތަކުން ބަޔަކު ބައި އަޅައި ބައި ނަގަމުންދޭ. އިންޑިއާ އިން ނަގާފައިވާ ލޯންތަކަކަށް މުޅި ރާއްޖެ މިވަނީ ވިއްކާލާފައި،" އެމަނިކުފާނު ވިދާޅުވި އެެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިންޑިއާއާ ދެކޮޅަށް ވާހަކަދައްކަވާތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ ޖަލަށް ލެވިދާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށާއި އަދި ނަފްސު ގަނެނުލެވޭނެ ކަމުގައި ވިދާޅުވި އެވެ.
އަދުލު އިންސާފު ބޭނުންވާ އެންމެ ނިކަމެތި މީހާއަށް ވެސް އެއީ އޮތް ހައްގެއް ކަމަށްވާތީ އެކަން ނުކުރެވޭ ފަނޑިޔާރުން ބަލައި، ޒިންމާދާރު ކުރުވާނެ ކަމުގައިވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުވެއްޖެނަމަ ހަތް އަހަރުގެ ޖަކު ހުކުމެއް އަންނާނެ އެވެ.