ލައިފްސްޓައިލް

އަންހެން ކުއްޖެއްގެ ބަނޑުގައި އަޖައިބު ގޮތަކަށް ރިހުނު ސަބަބު

ޓީންއޭޖް ފުރައިގެ އަންހެން ކުއްޖެއްގެ ބަނޑުގައި މާގަދަޔަށް ރިއްސާތީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައި ވެއެވެ. އަދި ބަނޑުގައި ރިހުނު ހަގީގީ ސަބަބު އެނގުމުން އެންމެންނަށް ވެސް ލިބިފައިވަނީ ހައިރާން ކަމެވެ.

ޓިކްޓޮކްގައި މި ޒުވާން އަންހެން ކުއްޖާ -- މެލާނީ ގަލޭއެޒް ވަނީ އޭނާގެ މި ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

މެލާނީ ބުނި ގޮތުގައި ބަނޑާއި މުޅި ގައިގައި ރިއްސުން ފަދަ މައްސަލަތަކެއް އޭނާއަށް ދިމާވަމުން ދިއުމުގެ ސަބަބުން ކޮލެޖަށް ގޮސް އުޅެން ވެސް ދަތި ކަމަކަށް ވިއެވެ.

މެލާނީ ޓިކްޓޮކްގައި ޝެއާކުރި ވީޑީއޯއެއްގައި ކިޔައިދީފައިވާ ގޮތުގައި އުމުރުން 14 އަހަރުގައި މިކަންކަން ދިމާވާން ފެށުމުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކި ނަމަވެސް އޭނާގެ ހަށިގަނޑުގައިވާ ހުރިހާ ތަކުލީފެއްގެ ވާހަކަ ޑޮކްޓަރަށް ކިޔައިދޭކަށް ނުކެރުނެވެ.

މިހާރު އުމުރުން 22 އަހަރު ވެފައިވާ މެލާނީ ބުނި ގޮތުގައި އޭނާއަށް ވަމުންދިޔަ އުނދަގޫތައް ޑޮކްޓަރާ ހިއްސާ ކުރީ އުމުރުން 16 އަހަރުގަ އެވެ. އޭރު އޭނާ ބަނޑުގައި ރިއްސާތީ އާއި އިތުރު އުނދަގޫތައް ވާތީ އުޅޭތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ.

މެލާނީ ބުނި ގޮތުގައި އެ ފަހަރު އަންހެނުންގެ ހާއްސަ ޑޮކްޓަރު ވަރަށް ރަނގަޅަށް އޭނާގެ ޗެކްއަޕެއް ހެދި އެވެ. އަދި ސާވިކްސް ތެރޭގައި ގިނަ އަދަދެއްގެ ޓެމްޕޮންސް ތާށިވެފައި ހުއްޓާ ޑޮކްޓަރަށް ފެނުނެވެ.

ޓެމްޕޮންސް އަކީ ޕީރިއަޑް ވާން ފެށުމުން ވަރަށް ޒުވާން ކުދިން ވެސް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ޓެމްޕޮންސް ޖެހުމުގައި ފަރުވާ ކުޑަ ކުރެވިއްޖެނަމަ އެތެރެހައްޓަށް އެ ދިއުމުގެ ފުރުސަތު އޮންނަ ކަމަށާއި މިކަމަށް ސަމާލުވުމަށް މެލާނީ އެދިފައިވެ އެވެ.

މެލާނީ ބުނި ގޮތުގައި މިއީ އަންހެން ކުދިން ދައްކަން ތަންކޮޅެއް ލަދުވެތި ވާހަކައަކަށް ވިޔަސް އޭނާގެ ތަޖުރިބާ ހިއްސާކުރަން ބޭނުންވީ މިގޮތަށް ދިމާވެފައިވާ އެތައް ކުދިންނެއް ތިބެދާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އަދި ޓެމްޕޮންސް ބޭނުންކުރާ ކުދިންގެ ތެރެއިން ގަޔާއި ބަނޑުގައި ރިހުން ފަދަ މައްސަލަތައް ދިމާވާ ކުދިން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން އޭނާ އިލްތިމާސް ކުރި އެވެ. އޭނާއަށް ދިމާވި ކަހަލަ ގޮތެއް ދިމާވެފައި ވެދާނެ ކަމަށް ބަލާފަ އެވެ.

އޭނާއަށް ކުރެވުނު މިކަންތައް މެލާނީ ސިފަ ކުރަނީ "ގަމާރުކަމުން ހެދުނު ގޯހެއް"ގެ ގޮތުގަ އެވެ. އެހެންވެ އެފަދަ ގޯހެއް ޓެމްޕަންސް ބޭނުންކުރާ މީހުން ނަހަދަން އޭނާ އެދުނެވެ.

މެލާނީ އަކީ އުމުރުން އަށް އަހަރުއްސުރެ ލައިމް ޑިޒީޒް އަށް ބޭސް ކޮށްފައިވާ ކުއްޖެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިހުން، ގައިގައި ރިހުން އަދި ހުޅުހުޅުގައި ރިހުން ހިމެނެ އެވެ. އެހެންވެ އުމުރުން 14 އަހަރުގައި އޭނާގެ ހަށިގަނޑުން ހަމަ މިފަދަ އަލާމާތްތަކެއް ފެންނަން ފެށުމުން ޑޮކްޓަރުން ފުރަތަމަ ހީކުރީ އޭނާގެ ބަލި ޓްރިގާވީ ކަމަށެވެ. އަދި އެންމެ ކުރިން ޑޮކްޓަރުން އޭނާއަށް ފަރުވާ ކުރީ ލައިމް ޑިޒީޒް އަށެވެ.

މެލާނީ އަށް ދިމާވި މައްސަލަތައް އޭނާ ސާފުކޮށް ކިޔައެއް ނުދެ އެވެ. އޭނާ ބުނީ "ވަރަށް ނުބައި ވަހެއް" ދުވާތީ އުޅެން ޖެހުނު ކަމަށެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ޓެމްޕޮން އެއް ތާށިވެއްޖެނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި މުށި، ފެހި، ރީނދޫ، ފިޔާތޮށި ނުވަތަ އަޅިކުލައިގެ ދިޔަވަރެއް ކުރިމަތި ފަރާތުން އައުން ހިމެނޭ ކަމަށެވެ. އަދި ނުބައިވަސް ދުވުމާއި، ބިހިނެގުން، ކުޑަކަމުދާއިރު ތަދުވުން، ބަނޑާއި ދަށްބަނޑުގައި ރިހުން، ކުރިމަތިފަރާތް ދުޅަވުން އަދި ހުން އައުން ހިމެނެ އެވެ.

މެލާނީ ބުނި ގޮތުގައި އޭނާ އެއްފަހަރާ ތިން ޓެމްޕޮން ވެސް ބޭނުންކުރެ އެވެ. އަދި ޖެހި ހުރިހާ ޓެމްޕޮން ނެގުނުތޯ ޔަގީނެއް ނުކުރެ އެވެ. އެހެން އުޅެނިކޮށް ބައެއް ޓެމްޕޮން މާ އަޑިއަށް ގޮސް ސާވިކްސްގައި ތާށިވެފައި ހުރީ އެވެ. އަދި އެހެން ހުރެ އެ ތަކެތި ފަނާ ވާން ފެށުމުން އިތުރު މައްސަލަތައް ކުރިމަތިވީ އެވެ. އަދި އިންފެކްޝަން ޖެހުން ވެސް އާއްމު ކަމަކަށް ވީއެވެ.

މެލާނީ އަށް ފަރުވާ ދިން ގައިނޮލޮކޮޖިސްޓް ގަބޫލުކުރާ ގޮތުގައި އޭނާގެ އެތެރެ ހަށީގައި ތާށިވެފައި އިން ޓެމްޕޮން އަކީ މީގެ ދެ އަހަރު ކުރިއްސުރެ އިން އެއްޗެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ކުރިން ތާށިވި އެއްޗެތި ކޮންމެވެސް އިރެއްގައި ނުކުމެފައިވާ ކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ. އަދި ފަހުން ފެނުނު އެއްޗިއްސަކީ މާ ފަހުން ތާށިވި އެއްޗެތި ކަމަށް ވެސް ޑޮކްޓަރުން ލަފާ ކުރެ އެވެ.

"އަހަރެން މިހާރު ޓެމްޕޮން އާ މުޅިން ވަކިވެއްޖެއިން. އެއީ އަހަރެންނާ އެކަށީގެންވާ އެއްޗެއް ނޫން،" މެލާނީ ބުންޏެވެ.