އެމްއެންޑީއެފް

ކަނޑު އުޅަނދުތައް ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ފަށައިފި އެވެ.

"އޮޕްސް ހަޅަ" ނަމުގައި ފެށި މި އޮޕަރޭޝަނަކީ ސްކޫލް ބަންދާ ދިމާކޮށް ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމުގެ އިތުރުން މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ކޯސްޓްގާޑުން ބަލަމުންދެ އެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމުގެ އިތުރުން އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ހިމެނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިމަހު 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ޗުއްޓީ ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.