އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ރައީސް ސޯލިހް އާއި ނަޝީދު އެކަނި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ވާދަކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ރައީސް ނަޝީދާއި ރައީސް ސޯލިހް އެކަނި ކަމަށެވެ.

އެމްޑީޕީން ލިޔެފައިވާ ގަވައިދުގައިވާ ގޮތުން ކެންޑިޑޭޓް ނަންބަރު 1 ލިބޭނީ ފުރަތަމަ ފޯމު ހުށަހެޅުއްވި ބޭފުޅަކަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފުރަތަމަ ފޯމު ހުށަހެޅުއްވި ބޭފުޅާގެ ހައިސިއްޔަތުން ކެންޑިޑޭޓް 1 ރައީސް ނަޝީދަށް އަދި ކެންޑިޑޭޓް ނަންބަރު 2 ރައީސް ލިބިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ.

"އަޅުގަނޑުމެން ރިޔާސީ ޕްރައިމަރީއަށް ތައްޔާރުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތަށް ހުރިހާ ކަމެއްވެސް އެ ތާރީހުތަކަށް ދާނެ،" މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީގެ 500 މެންބަރުންގެ ތާއީދާއެކު ހުށަހަޅަން ހުޅުވާލި ފުރުސަތު ހަމަވީ މިއަދު ހަވީރު 4:00 އަށެވެ.

ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ފޯމު ހުށަހެޅުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހް ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

ރައީސް ސޯލިހްގެ ކެމްޕޭން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް 20،000 އަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއެކު ރައީސް ސޯލިހްގެ ކެންޑިޑަސީ ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ތުހުމަތު ކުރައްވަނީ އެމްޑީޕީގެ ދަފްތަރުން ރައީސް ސޯލިހަށް ތާއީދު ނުކުރާ މެންބަރުން ވަކިކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ޖެނުއަރީ 28ގަ އެވެ. ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.