ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ އިސްކަމެއް ދިނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް: ރައީސް

Dec 24, 2022

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގއ. މާމެންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މީގެ ހަަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގިނަ ރަށްރަށުގައި އަސާސީ ހިދުމަތްތައްވެސް ގާއިމުކުރެވިފައި ނުވާ ކަމަށާ، އެހެންކަމުން މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާ އަކީ ކަރަަންޓުގެ ހިދުމަތް މެދުކެނޑުމުގެ ޝަކުވާ ކަމަށެވެ. އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ގޮތަށް ކަރަންޓުގެ ހިދުމަތް ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ މިއަދު އެމަނިކުފާނު އަލަށް ތައާރަފްކޮށްދެއްވި ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރާއި އޭގެ ފައިދާތަކަށް ގުޅޭގޮތުންވެސް ވާހަކަދެއްކެވި އެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި މި ސްމާޓް މީޓަރުގެ ސަބަބުން ހިދުމަތް ދޭ ފަރާތަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން މާމެންދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް ކަންކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މާމެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށާއި، ހުޅިމެންދޫ ބެލެހެއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިން މާމެންދޫގެ އިހްތިސާސްގައި އެރަށް ހިމެނޭނެ ގޮތެއް ބައްލަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ ކައުންސިލުން ހުށަހެޅި ގޮތަށް ފުލުހުންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމަށާއި، ސްޕޯޓްސް ފިޝިން އަށް ބޭނުންވާ ކަނދުފަތި ލަސްތަކެއް ނުވެ އަޅައިދެއްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން މާމެންދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާ އެކު މަޝްވަރާކުރައްވާނެ ކަމަށާއި، ވޮލީ ކޯޓު ކައުންސިލުން ހުށަހެޅި ގޮތަށް ރަނގަޅު ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.