ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މައިންބަފައިންނާ އެކު އުފަލުގައި އުޅެވޭނެ ގޮތެއް ހޯދައިދޭނަން: ރައިސް

ދަރިންނާއި މައިންބަފައިން އެކުގައި އުފަލުގައި އުޅެވޭނެ ނިޒާމެއް ގާއިމުކޮޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގއ. މާމެންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައިސް ސާލިހް ވަނީ ދޮށީ އުމުރުގެ މީހުންނާއި ޒުވާން ޖީލު އެކުގައި، އުފަލުގައި އުޅެވޭނެ، ބަދަހި މުޖުތަމައުއެއް ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރައިސް ވިދާޅުވީ މައިންބަފައިންނާ އެކު އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ދޮށީ އުމުރުގެ މީހުންނަށް އަދި ޒުވާނުންނަށް އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި ޑްރޮޕް އިން ސެންޓަރުތައް ގާއިމުކުރެވިގެން ދާނެ ކަމުގައި ވިދާޅުވި އެވެ.

"ދޮށީ އުމުރުގެ މީހުންގެ ފަރާތުން އައު ޒުވާން ޖީލަށް ތަޖުރިބާ ހިއްސާކޮށް، ޒުވާން ޖީލުން ޒަމާނީ ބަދަލުތަކަށް ދޮށީ އުމުރުގެ މީހުން ހޭލުންތެރި ކުރުމަށް އެހީތެރިވެދޭނަން. މިއީ ބަދަހިި މުޖުތަމައެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ރާވާފައި ހުރި ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކި ހަރަކާތްތަކުގައި އެކި އުމުރުފުރާގެ މީހުން އެކުގައި އުޅެވޭނެ ގޮތްތައްވެސް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިސަރުކާރުން މިހާރު ވަނީ ކުރީގައި ނެތް ވަރަށް ގިނަ އިޖުތިމާއީ ހިދުމަތްތައް ދޭން ފަށާފައި ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއި ފަސޭހަކުރުން ކަމަށެވެ. އަދި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެ ހިދުމަތްތައް ލިބޭނެ ގޮތް ފަސޭހަ ކޮށްދިނުން ހިމެނޭ ކަމުގައިވެސް ވިދާޅުވި އެވެ. މި ސަރުކާރުގެ އަމާޒަކީ ސިޔާސީ ތަފާތުވުންތަކާއި އެކުގައިވެސް ރާއްޖެއަށް ތަރައްގީ ގެނައުން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖެ ތަރައްގީކުރުން. މިރާއްޖޭގައި ހަމަޖެހުމާއި އެކީގައި މީހުންނަށް ދިރިއުޅެވޭނެ ގޮތެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މާމެންދޫއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތި ކަމަށް ހައްލު ގެނެސްދިނުމަށް އެރަށުގައި ހައުސިން ޔުނިޓްތަކެއް އަޅާނެ ކަމަށެވެ. އަދި ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި އަށް ކްލާސްރޫމް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގައި 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާއިދީ، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ގެނެސްދޭނެ ކަމުގައި ވިދާޅުވި އެވެ.