އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޕީއެސްޖީގައި އިތުރު އަހަރަކު މަޑުކުރަން އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީ، 35، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. އެހެންވެ އޭގެކުރިން މެސީ ކްލަބުގައި މަޑުކުރުވަން ޕީއެސްޖީ އިން ބޭނުންވެ އެވެ. ސްޕެއިން ފުޓްބޯޅަ ޖާނަލިސްޓް އަދި ޔޫރަޕިއަން ފުޓްބޯޅަ އެކްސްޕާޓް، ގުއިލެމް ބަލަގޫ ބުނީ ޕީއެސްޖީގެ ހުށަހެޅުން މެސީ ގަބޫލުކޮށްފައިވާ ކަމަށެވެ.
މި ހަފްތާގެ ކުރީކޮޅު ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވީ މެސީ އަނބުރާ ބާސެލޯނާ އަށް އަންނަން ބޭނުންވާ ކަމަށެވެ. އެކަމަކު ބަލަގޫ ބުނީ 21 އަހަރު މެސީ ހޭދަކުރި ކްލަބުން، މެސީ އަނބުރާ ގެންދިއުމަށް ރަސްމީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މެސީ ޕީއެސްޖީއާ އެކު ސޮއިކުރާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭރުން ޕީއެސްޖީގެ ޓީމުގައި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މެސީ ހުންނާނެ އެވެ. ޕީއެސްޖީ އިން ބޭނުންނަމަ 2025 ގެ ޖޫން މަހުގެ ނިޔަލަށް މެސީގެ އެއްބަސްވުން އާކުރެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. ޕީއެސްޖީ އިން މެސީއާ އެކު އެއްބަސްވުމަކަށް އައީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހު މަޝްވަރާތައް ކޮށްފަ އެވެ.
"ޕީއެސްޖީގައި މަޑުކުރުމުގެ ހުރިހާ ކަމެއް ނިމިއްޖެ. އެކަމަކު ބާސެލޯނާ އިން މެސީ ގެންދިއުމަށް އެއްވެސް އޮފާ އެއް ކޮށްފައެއްނުވޭ. އެހެންވީމަ މެސީ ބާސެލޯނާ އަށް ދާން ބޭނުންނުވަނީއެއް ނޫން. އެ ކްލަބުން މެސީއާ އެއްވެސް ވަރަކަށް މުއާމަލާތު ކޮށްފަ ނެތީ" ބަލަގޫ ބުންޏެވެ.
ޕީއެސްޖީގެ އެގްރީމަންޓުގެ މެސީ ސޮއިކުރާނީ ޗުއްޓީ އަށް ފަހު އެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މެސީ މިހާރު ހުރީ އާޖެންޓީނާގަ އެވެ. ޕީއެސްޖީގެ ޓީމާ މެސީ ގުޅޭނީ އަންނަ ހަފްތާގަ އެވެ.
ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބާސެލޯނާ ދޫކޮށްލީ 2021 ވަނަ އަހަރު އެވެ. އެ ކްލަބުގެ މާލީ ހާލަތު އަޑިއަޅާލުމުން މެސީގެ މުސާރައިގެ ކަންކަން ހަމަނުޖެއްސި، ދޫކޮށްލަން މަޖުބޫރުވީ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު މެސީ ވަނީ ކުޅުނު 53 މެޗުގައި 23 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނާ ހިލާފަށް މި ސީޒަނުގައި މެސީ ހުރީ ރަނގަޅު ފޯމެއްގަ އެވެ.
ފީފާ ވޯލްޑް ކަޕާ އެކު މެސީ ވަނީ ކެރިއަރުގެ ހުރިހާ ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ. ބާސެލޯނާގައި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން ސްޕެނިޝް ލީގު 10 ފަހަރު މެސީ ހޯދި އެވެ. ޕީއެސްޖީ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކުރި އެވެ.
ބާސެލޯނާ އަށް ކުޅުނު 778 މެޗުގައި މެސީ ވަނީ 672 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.