ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ޔަގީންވާ ވަރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްކޮށްފައިވާ ކަމަށް ނައިބް ރައީސް ފައިސަަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ އާރްޑީސީއަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ފައިސަލް ވިދާޅުވީ ރައީސް ސޯލިހްގެ މަސައްކަތްތައް އެންމެން ގާތުން ފެންނަ ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ސޯލިހް ކުރައްވާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.
ރައީސް ސޯލިހް ކުރައްވާ މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދުރަށް ވިސްނާވަޑައިގެން ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހް ސިޔުާސަތުތައް ތަންފީޒު ކުރައްވަނީ ކޮންމެ ރަށެއްގައި ވެސް ދިރިއުޅެނީ ދިވެހި ރައްޔިތުން ކަމަށް ދެކިގެން އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ކަމުގައިވެސް ވިދާޅުވި އެެވެ.
ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށާ، އަދި އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމަށް ކުރެވޭނެ ގޮތްތައް ހޯދާނެ ކަމަށެވެ. އާރްޑީސީ އާއި ސަރުކާރުގެ ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަންވެސް ނައިބް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
"ގައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން. އެހެންވީމާ އެގޮތަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވަނީ ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ހަވާލުކޮށް، ކޯޕަރޭޓިވް އެޑިޔުކޭޝަން ޕްރޮގްރާމް (ބިނާވެހި) ލޯންޗުކޮށްފަ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ވެސް ހަވާލުކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ޖޫން 9، 2019 ގައި އާރްޑީސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއް ކަމުގައި ސަރުކާރުން ދެކޭތީ އެވެ.