އާރްޑީސީ

ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މޫކޭ ތައްޔާރު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މިހާރުގެ މެނޭޖުމަންޓުން އެ ކުންފުނީގެ ކުރީގެ އިސްވެރިންނަށް ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އާރްޑީސީގެ ކުރީގެ އިސްވެރިން އެދިވަޑައިގެންފި އެވެ.

އާރްޑީސީގެ މިހާރުގެ އިސްވެރިން އެ ކުންފުނީގެ ކުރީގެ އިސްވެރިންނަށް ތުހުމަތުތަކެއްކޮށް އާރްޑީސީ ހިންގާފައިވާ ގޮތަށް ފާޑު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކުންފުނިތަކަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އާރްޑީސީގެ މިހާރުގެ އިސްވެރިން ކޮމިޓީގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު ކުރީގެ އިސްވެރިން އެއްވެސް ލިޔެކިޔުމެއް ނެތި އަދި މާލިއްޔަތު ގާނޫނާ ހިލާފަށް އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމިޓީގައި އާރްޑީސީގެ ކުރީގެ އިސްވެރިންނަށް ފާޑު ވިދާޅުވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ އެވެ.

އާރްޑީސީގެ މިހާރުގެ އިސްވެރިންގެ ވާހަކަތަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

މި ދެ ބޭފުޅުންގެ ސިޓީގައިވާ ގޮތުން އާރްޑީސީގެ މިހާރުގެ ވެރިން ކުރީގެ މެނޭޖްމަންޓުގެ ނިންމުންތަކަށް ފާޑު ވިދާޅުވަނީ ކުންފުނީގެ ދަރަންޏާއި ކުންފުނި އޮތް ހާލަތު ބަލަންޖެހޭ ވަރަށް ނުބައްލަވަ އެވެ. އެހެންވެ ޖަވާބުދާރީވުމުގެ ފުރުސަތެއް އަވަހަށް ދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.