ރައްޔިތުންގެ މަޖިލިސް

އެމްއާރްޑީސީގެ ވެރިން ހާޒިރުކޮށް މާލިއްޔަތު ކޮމެޓީ ސިއްރުކޮށްފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިސްވެރިން މިއަދުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކޮށް އެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބަައްދަލުވުމުގައި އެޖެންށޑާ ކޮށްފައިވަނީ އެމްއާރްޑީސީގެ އޮޕަރޭޝަނާއި އަދި މާލީ ހާލަތާއި ގުޅޭގޮތުން އެކުންފުނީގެ އިސްވެރިންނާއި މަޝްވަރާ ކުރުމެވެ.

އެމްއާރްޑީސީގެ އިސްވެރިން މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކުރި އިރު އެ ކޯޕަރޭޝަންގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާގުޅޭ މައްސަލައެއްވެސް އެކޮމެޓީން ދަނީ ބަލަމުންނެވެ. އަދި އެ ކޮމެޓީގެ މެމްބަރުން ވަނީ އެ ކޯޕަރޭޝަނާ މެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން އެމްއާރްޑީސީ އަކީ ސަރުކާރަށް ކޮންމެހެން ބޭނުންތެރި ކުންފުންޏެއްތޯ ދިރާސާ ކުރަންޖެހޭ ކަމަށް ބުނެ ވަނީ ސުވާލުތައް އުފައްދަވާފަ އެވެ.

ކޮމެޓީގެ މެމްބަރުން ވިދާޅުވީ އެމްއާރްޑީސީއަކީ ސަރުކާރަށް ފައިިދާވާ ކުންފުންޏެއްތޯ ބަލަން ޖެހެނީ އެ ކޯޕަރޭޝަނުން ސަރުކާރަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބިވާ މައްސަލައެއް ވެސް އޮތުމުން ކަމަށެވެ. އަދި އެއީ ބޭނުންތެރި ކުންފުންޏެއްތޯ އާއި ފައިދާވާނެ ކުންފުންޏެއްތޯ ވެސް މަޖިލީހުން މިހާރު ދިރާސާކުރަން ޖެހޭ ކަމަށެވެ.