ދުނިޔެ

ބާކީވާ ކަރަންޓާއި ގޭސް ޔޫރަޕަށް ދެވިދާނެ: އަލްޖީރިއާ

އަލްޖީރިއާއަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް އުފެއްދެން ހުރި ކަމަށް ވިދާޅުވެ އެ ގައުމުގެ ރައީސް އަބްދުލް މަޖީދު ތަބޫން ވިދާޅުވި ގޮތުގައި ބާކީވާ ބައި ޔޫރަޕަށް ވިއްކިދާނެ އެވެ.

އޭނާ އަދި ވިދާޅުވީ އަލްޖީރިއާ އާއި އިޓަލީ ގޭސް ޕައިޕަކުން ގުޅުވާލުމަށްޓަކައި 270 ކިލޯމީޓަރުގެ ރާސްތާއެއްގައި ހޮޅިއެޅުމުގެ މަސައްކަތްތަކަށް އަލްޖީރިއާ ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިއީ އަލްޖީރިއާއިން ގޭސް އެކްސްޕޯޓް ކުރުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަލްޖީރިއާގެ އުންމީދަކީ މިހާރު އެކްސްޕޯޓްކުރެވޭ އަދަދު 56 ބިލިއަން ކިއުބިކް މީޓަރު ދެގުނަކޮށް -- 100 ބިލިއަނަށް އިތުރު ކުރުމެވެ.

އަލްޖީރިއާގެ ޕެޓްރޯލިއަމް ކުންފުނި، ސޮނަޓްރެޗްއިން މިއަހަރު އޮކްޓޯބަރުގައި އިޓަލީއާ އެކު 600 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ ގާއިމުކޮށްފަ އެވެ. އެއީ އިޓަލީއަށް ބޭނުންވާ ގުދުރަތީ ގޭސް ކަށަވަރު ކުރުމަށް ހެދި އެއްބަސްވެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ރަޝިއާއިން ގޭސް ގަތުމުގެ ބަދަލުގައި އަލްޖީރިއާއިން ގޭސް ލިބޭނެ ގޮތް ވުމަކީ ޔޫރަޕް ގޭހަށް ޖެހުމުން ސަލާމަތްކުރެވިދާނެ ގޮތެއް ކަމަށް ޔޫރަޕުން ވެސް ދެކެ އެވެ. އެހެންނަމަވެސް ޔޫރަޕަށް ބޭނުންވާ ގޭސް އަލްޖީރިއާ މެދުވެރިކޮށް ހޯދުމަށްޓަކައި އަދި ދެތިން އަހަރު އިންތިޒާރު ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އަލްޖީރިއާގެ ގޭސް ކުންފުނިން ބުނާ ގޮތުން ދެ ގައުމުގެ ދެމެދުގައި ގޭސް ހޮޅި އަޅައި މަސައްކަތަށް ހުޅުވާލުމަށް އަދި ދެތިން އަހަރު ނަގާނެ އެވެ.

އަލްޖީރިއާ އަކީ ރަޝިއާއާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. އެހެންނަމަވެސް އޮފިޝަލުން ބުނާ ގޮތުން އަލްޖީރިއާއިން ޔޫރަޕަށް ގޭސް ފޮރުކޮށްދިނުމަކުން -- ރަޝިއާ، އަލްޖީރިއާ ގުޅުމަށް ދެރަ ގޮތެއް ނުވާނެ އެވެ.

މަސަރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުން އަލްޖީރިއާގެ މި ފިޔަވަޅަކީ ރަޝިއާގެ މަޝްވަރާއާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.