އުރީދޫ

އުރީދޫ ފަން ރަން ރާއްޖޭގެ ސަރަހައްދުތަކަށް ފުޅާކުރަނީ

Dec 25, 2022

އުރީދޫ ފަން ރަން ރާއްޖޭގެ ސަރަހައްދުތަކަށް ފުޅާކޮށް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު ހުކުރު ދުވަހު ބޭއްވި އުރީދޫ ފަން ރަންގައި 5،000އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ.

އުރީދޫ ފަން ރަންގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަހައްދުތަކަށް ފުޅާކޮށް މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އުރީދޫއިން ވަނީ އަރުވާފަ އެވެ.

އުރީދޫ ފަން ރަން އިން ފޯރިގަދަ ކަލާ ރަން ގައި ފެނިގެން ދާ ކުލަ ޖެހުމުގެ އިތުރުން މަޖާ އިންފްލޭޓަބަލް އޮބްސްޓެކްލްސްގެ އާއި ރަން ނިންމާ ބައިވެރިން ފެނާއި ފޯމް ޕާޓީއަކުން ފަސް ކިލޯމީޓަރު ހަމަ ކުރުމުގެ އުފާ ފާހަގަކުރި އެވެ.

މި ދުވުން ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ފަން ރަން ގެ ދުވުންތެރިންނާއެކު ނެންގެވި ސެލްފީއަކުންނެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން އަކީ 2022 ވަނަ އަހަރަށް ވަރަށް ފުރިހަމަ ނިމުމެއް ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެއް. މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށްފަހު އުރީދޫ މޯލްޑިވްސްއިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީ އިރު ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ފަސް ކިލޯމީޓަރުގެ މި ހަރަކާތަކީ ދުވުމަށް އާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިންނަށްވެސް މަރުހަބާ ކިޔާ ހަރަކާތެކެވެ. ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަޖަހާ ތަފާތު ފަން ސްޓޭޝަންތަކާއި އެކު ދުވުން ނިންމާލައިފައިވަނީ ވޯޓާ ފައުންޓޭނަކާއި ފޯމް ޕާޓީއަކުންނެވެ.