އަބްދުއްރަހީމް އަބްދުﷲ

ޔާމީން އިންތިހާބުގައި ވާދަކުރާނެ، ދެވަނަ ކެންޑިޑޭޓެއް ނެތް: އަދުރޭ

Dec 25, 2022
2

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކޮށް ޖަލަށްލީ ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ އެއްވެސް ހާލަތެއް އަދި ނެތް ކަމަށާއި އެހެންކަމުން ޕީޕީއެމް / ޕީއެންސީ އިން އިތުރު ރިޔާސީ ކެންޑިޑޭޓަކާ ދޭތެރޭ ނުވިސްނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން މަތީ ކޯޓަކުން އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވެފައި ވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވި ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ކުށެއް ސާބިތުވި ނަމަވެސް އިސްތިއުނާފްގެ މަރުހަލާތައް އަދިވެސް ހުރުމާ ގުޅިގެން ދެވަނަ ކެންޑިޑޭޓަކަށް ނުވިސްނާ ކަމަށާއި ނުވެސް ވިސްނާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކުރިއަށް އަދި ގިނަ ދުވަސްތަކެއް އޮތުމާ ގުޅިގެން ރައީސް ޔާމީނަށް ކުރާ ދައުވާތަކުން ސަލާމަތްވެވަޑައިގެން އިންތިހާބުގައި ވާދަކުރައްވާ މަންޒަރު ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް މިދަންނަވަނީ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެއޭ. އަދި އެ އިންތިހާބު ކާމިޔާބު ވެސް ކުރައްވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއި އިންޑިއާ ސަރުކާރުން ރައީސް ޔާމީން ޖަލަށްލާން ކިތަންމެ ބޭނުންވި ނަމަވެސް އަދުލަށް އިންސާފަށް ހުކުމް ކުރާނެ ފަނޑިޔާރުން މި ގައުމުގައި އުޅޭނެތީވެ ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ޔާމީން ޖަލަށްލުމަށް ބަޔަކު ބޭނުންވި ނަމަވެސް ތަގުދީރުގައި ވާން އޮތް ގޮތެއް އެ ބަޔަކަށް ވެސް ބަދަލު ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ އިތުރު ރިޔާސީ ކެންޑިޑޭޓެއް ނުހުންނާނެ ކަމަށެވެ. ނޫސްވެރިން އެ ސުވާލު ތަކުރާރުކޮށް ކުރެއްވި ނަމަވެސް އެ ނޫން ޖަވާބެއް ނެތް ކަމަށާއި ޕީޕީއެމް އާއި ޕީއެންސީ ތެރޭގައި ރައީސް ޔާމީން ހުންނަވަނިކޮށް އެ ރިޔާސީ ޓިކެޓް ބޭނުންވާ އެއްވެސް ބޭފުޅަކު ނެތް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މީގެކުރިން މަތީ ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ނަމަވެސް މިއަދު އަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓަށް އިތުބާރު ކުރައްވާ ކަމަށާއި އަދުލަށް އިންސާފަށް ހުކުމް ކުރަން ތިއްބެވި ފަނޑިޔާރުންތަކެއް އެބަތިއްބެވި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ރައްޔިތުންގެ ހިތްވަރާ އެކު ގަދަ އަޅާ މަސައްކަތް ކޮށްގެން ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ހުރިހާ ކަމެއްވެސް ހަމަޖައްސަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.