އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި، ވޯލްޑް ކަޕްގައި ކުޅުނު ޓޮޓެންހަމް ހޮޓްސްޕާގެ ކުޅުންތެރިން ނުހިމަނާނެ ކަމުގެ އިޝާރާތެއް ކޯޗު އެންޓޯނިއޯ ކޮންޓޭ ދީފި އެވެ.
ވޯލްޑް ކަޕް ބްރޭކަށް ފަހު މާދަމާ ހަވީރު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ބްރެންޓްފޯޑާއި ޓޮޓެންހަމް ވާދަކުރާ މެޗުންނެވެ. ވޯލްޑް ކަޕްގައި ވާދަކުރި އެކި ޓީމުތަކުގައި ޓޮޓެންހަމްގެ 12 ކުޅުންތެރިން ހިމެނުނެވެ. އޭގެތެރެއިން ފައިނަލުގައި ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އާއި އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަދި ޓީމާ ނުގުޅެ އެވެ. ކޮންޓޭ ބުނީ އެ ދެކުޅުންތެރިން ޔަގީނުން ވެސް މާދަމާގެ ޓީމުގައި ނުހިމެނޭ ކަމަށެވެ.
"ގިނަ ކުޅުންތެރިންތަކެއް ނެތުމުން އަހަރެން މިހުރީ އުފަލަކުން ނޫން. އެކަމަކު ޓޮޓެންހަމްގެ 12 ކުޅުންތެރިން ވޯލްޑް ކަޕްގައި ކުޅުމަކީ އެހެން ޓީމުތަކާ ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ ހެއްކެއް" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ސީޒަނުގެ މެދުތެރެއިން އެހެން މުބާރާތެއްގައި ކުޅެފައި އަނބުރާ އަންނައިރު ޖިސްމާނީ ގޮތުން ކުޅުންތެރިން ތިބޭނީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށެވެ.
"ވޯލްޑް ކަޕް ކުޅުނު ކުޅުންތެރިން އަރާމުކުރަން ދިގު މުއްދަތެއް ނުދެވޭނެ. ވޯލްޑް ކަޕް ނުކުޅެ ހަތަރު ހަފްތާ ވަންދެން ތަމްރީނު ހެދި ކުޅުންތެރިން މިހާރު ތިބީ ޖިސްމާނީ ގޮތުން ފިޓްކޮށް. އެހެންވެ ބްރެންޓްފޯޑް މެޗަށް ނުކުންނައިރު ޓީމަށް އެންމެ ރަނގަޅު ގޮތަށް އަހަރެން ބަލާނީ" ވޯލްޑް ކަޕް ތަރިން ބެންޗުކުރާނެ ކަމުގެ އިޝާރާތާ އެކު ކޮންޓޭ ބުންޏެވެ.
ވޯލްޑް ކަޕްގައި ވާދަކުރި އިންގްލެންޑް ޓީމަށް ކުޅުނު ޓޮޓެންހަމް ކެޕްޓަން ހެރީ ކޭން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ކުޅެފަ އެވެ. ސޮން ހެއުން މިން ކުޅުނު ދެކުނު ކޮރެއާ ކެޓީ ދެވަނަ ބުރުންނެވެ. ބްރެޒިލް ތަރި ރިޗާލިސަން އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރީގޯ ބެންޑަންކުރާ ހުރީ މާދަމާގެ މެޗަށް ސަސްޕެންޑްވެފަ އެވެ. އަނެއްކޮޅުން ބެންޓަންކުރާ އަންނަނީ އަނިޔާ އަށް ފަރުވާ ކުރަމުންނެވެ. ޓޮޓެންހަމްގެ އެޓޭކުގައި ދެން ހިމެނޭ ލޫކަސް މޯރާގެ އަނިޔާ އަދިވެސް ރަނގަޅު ނުވެ އެވެ. އެހެންވެ މާދަމާގެ މެޗަށް ނުކުންނައިރު ޓޮޓެންހަމްގެ އެޓޭކުގައި ތިބޭނީ މަދު ކުޅުންތެރިންތަކެކެވެ.
ޕްރިމިއާ ލީގުގައި ޓޮޓެންހަމް އޮތީ 29 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ބްރެންޓްފޯޑް 10 ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ޓޮޓެންހަމްއާ ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު 5:30 ގަ އެވެ.