ނައިޖީރިޔާ މީހުންނަށް މި ހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަށް އިރު އެރީ ބޮޑު ޝޮކެއް ލިބޭ ފަދަ ޚަބަރަކާ އެކުގައެވެ. އެގައުމުގެ އޮންޑޯ ސްޓޭޓްގައި ސިޒޭރިއަން ހެދި މާބަނޑު އަންހެނެއްގެ ރަހިމާއި ޔޫރިނަރީ ޓްރެކްޓް އެކުގައި ފެހުމުގެ ސަބަބުން އެމީހާ މަރާ ހަނގުރާމަކުރަމުންދާ ޚަބަރެވެ.
މި އަންހެން މީހާގެ ސިޒޭރިއަން ހެދި ޑޮކްޓަރު މިހާރު ވަނީ ނައިޖީރިޔާގެ ސްޕެޝަލް އިންޓަވެންޝަން ސްކޯޑުން ހައްޔަރުކޮށްފަ އެވެ. އަދި ޑޮކްޓަރެއް ކަމަށް ހެދިގެން ބަލި މީހުންނަށް ފަރުވާ ކުރުމުގައި ހޮސްޕިޓަލުގައި އުޅުނު މި މީހާގެ ޑޮކިއުމެންޓްތައް ޗެކް ކުރިއިރު މީނާގެ އަތުގައި ޑޮކްޓަރީކަމުގެ ފާހެއް ނެތެވެ. މީނާ އުޅުނީ ފޭކް ޑޮކިއުމަންޓްސް ތަކެއް ހައްދައިގެން ކަން ވެސް ވަނީ ފަޅާއަރާފަ އެވެ.
އޮންޑޯ ސްޓޭޓް ޕޮލިސް ކޮމާންޑްގެ ވެރިޔަކު ވިދާޅުވީ ރާބިއު އޮލާލޭކަން ނަމަކަށް ކިޔާ މި ފޭކް ޑޮކްޓަރު އަންހެން މީހާގެ ސިޒޭރިއަން ހެދިއިރު އޭނާގެ އަތުގައި ލައިސަންސެއް ނެތެވެ. ނަމަވެސް އޭނާ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން ދިޔައީ ޗީފް މެޑިކަލް އޮފިސަރަކަށް ހެދިގެންނެވެ.
ފުލުހުން މި މީހާ ހައްޔަރުކޮށް ބެލި ބެލުމުން އެނގުނު ގޮތުގައި މީނާ އަކީ ސްކޫލް އޮފް ހެލްތު ޓެކްނޮލޮޖީގައި ކޮމިއުނިޓީ ހެލްތު އެކްސްޓެންޝަން ވޯކް ކިޔެވި މީހެކެވެ.
މި މީހާ ހައްޔަރުކޮށް ސުވާލުކުރުމުން އޭނާގެ އަތުގައި ޑޮކްޓަރީ ފާސް ނެތް ކަމަށް ވަނީ އެއްބަސްވެފަ އެވެ. އަދި ފާސް ނެތި ހޮސްޕިޓަލުގައި އޮޕަރޭޝަންތައް ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އަލުން ޔުނިވަސިޓީ އަށް ވަދެ މެޑިސިން ކިޔެވުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
ފޭކް ޑޮކްޓަރު ފުލުހުން ކައިރީ އިތުރަށް ބުނި ގޮތުގައި އޭނާ އޮޕަރޭޝަން ކުރި މާބަނޑު މީހާ އަކީ މައްސަލަތަކެއް ދިމާވެގެން ވިހޭނެ ގޮތެއް ނެތިފައި އޮތް މީހެއް ކަމަށެވެ. އަދި އޭނާ ސިޒޭރިއަން ހެދުމުން އެމީހާ ރަނގަޅުވެގެން ގެއަށް ވެސް ދިޔަ ކަމަށެވެ. ނަމަވެސް ލޭ މަނާ ނުވެގެން އަލުން އައީ ކަމަށެވެ.
އަންހެން މީހާގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި މަރާ ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް އެއީ އޭނާގެ ކުށުން ވީ ކަމެއް ކަމަށް މި ފޭކް ޑޮކްޓަރު އަދިވެސް ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނަނީ އަންހެން މީހާއަށް އެހެން ދިމާވީ އޭނާ ލިޔެދިން ބޭސްތައް ނުކޭމަ ކަމަށެވެ.
ނަމަވެސް އަންހެންމީހާ މިހާރު އެޑްމިޓް ކޮށްފައި އޮތް އޮންޑޯގެ މަދާ އެންޑް ޗައިލްޑް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ކުޑަކަމުދާ ހޮޅިއާއި ރަހިމު އެކުގައި ފަހާފައި ހުރުމުގެ ސަބަބުން އެމީހާއަށް ކުޑަކަމު ނުދެވި ހާލު ގޯސްވީ ކަމަށެވެ.
ފޭކް ޑޮކްޓަރު މިހާރު އެދެނީ އޭނާއަށް އަދަބެއް ނުދީ ދޫކޮށްލަދިނުމަށެވެ. އޭނާގެ އަންހެނުން އަލަތު ދަރިފުޅަށް ބަލިވެ އިނދެ ވިހަން ކައިރިވެފައިވާ ކަމަށާއި އޭނާ ޖަލަށް ލައިފިނަމަ އެ ކުއްޖާ ބޮޑުވާނީ ބައްޕައެއްގެ ލޯބި ނުލިބި ކަމަށް މި ފޭކް ޑޮކްޓަރު ފުލުހުން ކައިރީ ބުނިކަމަށް ވެއެވެ.
ނަމަވެސް ނައިޖީރިއާ ފުލުހުން މިހާރު ވަނީ މި މީހާގެ މައްސަލަ ކޯޓަށް ވައްދާފަ އެވެ.