ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

"ފިކުރެއްގެ ދިރުން"ގެ ނަމުގައި ބާއްވަވާ މި ބައްދަލުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. ބައްދަލުވުން އޮންނާނީ ސަލްޓަން ޕާކްގަ އެވެ.

މި ބައްދަލުވުމަކީ އާންމުކޮށް އެންމެންނަށް ވެސް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ވާދަކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ލިޔެފައިވާ ގަވައިދުގައިވާ ގޮތުން ކެންޑިޑޭޓް ނަންބަރު 1 ލިބޭނީ ފުރަތަމަ ފޯމު ހުށަހެޅުއްވި ބޭފުޅަކަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފުރަތަމަ ފޯމު ހުށަހެޅުއްވި ބޭފުޅާގެ ހައިސިއްޔަތުން ކެންޑިޑޭޓް 1 ރައީސް ނަޝީދަށް އަދި ކެންޑިޑޭޓް ނަންބަރު 2 ލިބިވަޑައިގަންނަވާނީ ރައީސް ސޯލިހަށެވެ.

ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ނަޝީދު ފޯމު ހުށަހެޅުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހް ފޯމު ހުށަހެޅުއްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ތުހުމަތު ކުރައްވަނީ އެމްޑީޕީގެ ދަފްތަރުން ރައީސް ސޯލިހަށް ތާއީދު ނުކުރާ މެންބަރުން ވަކިކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ޖެނުއަރީ 28ގަ އެވެ. ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ކެންޑިޑޭޓް ނަންބަރާ އެކު މިއަދު އިއުލާނު ކުރާނެ އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.