ރާއްޖެ ކުޅިވަރު

އަދުހަމް ވެލެންސިއާ އަށް

ހުނަރުވެރި މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) އަންނަ ސީޒަނުގައި ކުލަބު ވެލެންސިއާ އަށް ކުޅެން ސޮއިކޮށްފި އެވެ.

ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު އަދުހަމް މިދިޔަ އަހަރުގައި ފެނުނީ ކުލަބު އީގަލްސްއިންނެވެ. ނަމަވެސް ޕްރެޒިޑެންޓްސް ކަޕާ ހިސާބުން އެކުލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ވިކްޓަރީ އާއި މާޒިޔާ އަދި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަދުހަމް އަކީ އަންނަ ސީޒަނަށް ވެލެންސިއާ ވަރުގަދަ ކުރަން އެކުލަބަށް ގެންދިޔަ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން ނިއުރޭޑިއަންޓްގެ އޭދަފުށީ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު އަދި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ވެލެންސިއާ އަށް ގެންގޮސްފަ އެވެ. މީގެ ތެރެއިން ފައިސަލް އާއި ޝާފީ އަކީ ވެސް ކުރިން ވެސް ވެލެންސިއާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

އާ ސީޒަނަށް ތައްޔާރުވާން ކުލަބުތައް އަވަދިނެތި އުޅޭއިރު ވެލެންސިއާއިން ވަނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ލައްވައި ސޮއިކުރުވައިފަ އެވެ.