ސިއްހަތު

ޗުއްޓީ ދުވަސްވަރު ބަލިތައް ފެތުރިދާނެ

ސުކޫލު ޗުއްޓީގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި، ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުން ގިނަ ތަންތަނަށް އެއްވެއުޅުން ގިނަވެފައިވުމާއެކު، ގައިން ގަޔަށް އަރާ ބަލިތައް ފެތުރިދާނެތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް 19 އިތުރުވެފައިވާތީ، އެކަމަށް ސަމާލުވުމަށްވެސް އެދިފަ އެވެ.

މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާއާއި ހޭންޑް ފުޓް އެން މައުތުގެ އިތުރުން ލޮލުރޯގާ ފެތުރުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން މިބަލިތަކުން ރައްކާތެރިވުމުގެ ގިތުން ފިޔަވަޅު އެޅުމަށްވެސް އެދިފައިވެ އެވެ.

އެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ލޮލު ރޯގާއިން ސަލާމަތްވުމަށްޓަކައި ބަލިޖެހިފައިވާ މީހުން އެހެން މީހުންނާއި އެކަހެރިކޮށް އުޅުން، ބަލިޖެހިފައިވާ މީހަކު ލޯ، ނޭފަތް ނުވަތަ އަނގައިގައި އަތްލެވިއްޖެނަމަ ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން، ބޭނުންކުރާ ތުވާލި ފަދަ ތަކެތި ވަކިކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޑެންގީ ހުން ފެތުރުނަ ނުދިނުމަށް މަދިރިން ރައްކާތެރިވުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.