ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފި އެވެ.
ސްޓެލްކޯގެ އޮފީސް އޮޑިޓޯރިއަމްގައި ބޭއްވި މިޖަލްސާގައި ފާއިތުވި އަހަރު އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކުންފުނީގެ މާލީ ހިސާބުތައް ހުރި ގޮތް ހިއްސާކޮށްފައިވެ އެވެ.
ސްޓެލްކޯއިން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިޖަލްސާއަށް ހުށަހަޅާފައިވާއިރު މިއީ ސާޕްލަސް ބަޖެޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުންފުނީގެ އަމާޒަކީ ސަރުކާރުގެ ނެޓް ޒީރޯއަށް ވާސިލްވުމުގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރުވެސް ކުޑަކޮށް ކުންފުނީގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެފައިވެ އެވެ.
ސްޓެލްކޯއިން އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާކުރަން އެކުންފުނިން ނިންމާފައިވާ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.
ސްޓެލްކޯގެ އިތުރު އަމާޒުތަކުގެ ތެރޭގައި ވިޔަފާރިއާ ގުޅުހުން ހުރި ގިނަ ކަންތައްތަކެއް ހިމެނޭއިރު އިތުރު ވިޔަފާރިތައް ހޯދާބަލައިގެން އެކަމުން ލިބޭ ފައިދާ އިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުން ހިމެނެ އެވެ. ސްޓެލްކޯގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން 70 މެގަވޮޓްގެ ޕަވާ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް އެކުންފުނިން ނިންމާފައިވާ ކަމަށްވެސް ހާމަކޮށްފައިވެ އެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި އެނާޖީ މެނޭޖްމެންޓް ސިސްޓަމެއްގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެސިސްޓަމް ގާއިމުކޮށް ނިމުމުން ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.
ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށްވެސް ނިންމާފަ އެވެ.