ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަދު މ. ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ކޮޅުފުށްޓަށް ވަޑައިގަތީ މިއަދު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ކޮޅުފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާ މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރީ ކޮޅުފުށީގަ އެެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ކޮޅުފުށްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ކޮޅުފުށްޓަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ދެކަނބަލުންނެވެ. ކޮޅުފުށި ރައްޔިތުންގެ ފަރާތުންވެސް ރައީސް ސޯލިހްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި އެރަށުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާހްކޮށްދެއްވި އެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލުކުރެއްވި އެވެ.

ކޮޅުފުށްޓަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.