ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮޅުފުށި ކައިރީގައި ރިސޯޓެއް ހަދައިދޭނަން: ރައީސް

މ. ކޮޅުފުށީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ދިނުމަށް އެ ރަށު ކައިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތެއް ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮޅުފުށްޓަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ އެ ރަށަކީ މަސްވެރިކަމުގެ ރަށެއް ކަމަށެވެ. ނަމަވެސް ސުނާމީގެ ކާރިސާއާ ގުޅިގެން އެ ރަށުގެ މަސްވެރިކަމަށް ހީނަރުކަމެއް އައުމާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ރަށާ ކައިރިން ވަޒީފާ ލިބޭނެ ގޮތް ހަދައިދޭން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އިރާދުކުރެއްވިއްޔާ މިރަށުގެ ރައްޔިތުން އެދޭގޮތަށް މިރަށު ކައިރިން ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަދޭނަން،" ރައިސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކޮޅުފުށީގައި މިހާރު ހަދަމުންދާ 100 ހައުސިން ޔުނިޓްގެ ތެރެއަށް 50 ހައުސިން ޔުނިޓް އިތުރުކޮށްދެއްވާނެ ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި މަގުތައް ހަދަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ ކޮޅުފުށީގައި މިސަރުކާރުން ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއް ނިންމާފައިވާތީ އެ މަޝްރޫއުތައް އިފްތިތާހްކޮށްދެއްވާފަ އެވެ. މީގެތެރޭގައި ހިމެނެނީ ކޮޅުފުށީގެ ފެނުގެ ނިޒާމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގެ އަށް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެވެ. އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކޮޅުފުށީގެ ގިރާ ސަރަހައްދުގައި އިތުރު ތޮށިގަނޑެއް ޖަހައިދީ މުޅި ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ތިބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އިތުރު ތޮށި އެ ސަރަހައްދުގައި ޖަހާ މުޅި ރަށް އަރާދަކުރެއްވިއްޔާ ހިމާޔަތްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުގެ މަގްސަދެއް ކަމަށް ފާހަގަކުރެއްވީ އަމާން އުފާވެރި ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން އެ ކޯލިޝަނުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ތަރައްގީ ގެންނާނެ ކަމަށާއި އެ މަސައްކަތުގައި ތިން ޕާޓީ ވެސް އެކުގައި ނިކުންނާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް ކެމްޕޭންގައި މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮޅުފުށީގެ އިތުރުން ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެ އެވެ. އޭގެފަހުގައި ވ. އަތޮޅަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.