އިމްރާން އަބްދުﷲ

ސުނާމީގައި ލިބުނު ގެއްލުމުން އަރައިގަނެވުނީ މި ސަރުކާރުގައި: އިމްރާން

ސުނާމީގައި މ. ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ މި ސަރުކާރުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި ކޮޅުފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ 2004 ވަނަ އަހަރަށްފަހު މިހާތަނަށް ކަން ހިނގި ގޮތް ރަށުގެ ގިނަ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

އެގޮތުން ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އޭރުގެ ސަރުކާރުން ފެށި މަސައްކަތުން ކިރިޔާ މަސައްކަތެއް ފަށައިގަނެވުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަމަށް އިމްރާން ވިދާޅުވި އެވެ.

"މަސައްކަތުގެ ނަތީޖާއެއް ރައްޔިތުންނަށް އިހުސާސްކުރެވޭ ވަރަށް މި ގެންދެވުނީ މި ދައުރުގައި. ގާތްގަނޑަކަށް 20 އަހަރުން،" އުފަން ރަށުގައި ހުންނަވާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސުނާމީގައި ލިބުނު ގެއްލުމުން އަރައިގަނެވުނު ކަމުގެ އިހުސާސް މިއަދު ރަށުގެ ރައްޔިތުންނަށް ކުރެވޭނެ ކަމަށާއި އެ އިހުސާސު ހަގީގަތަކަށް ހައްދަވާ ދެއްވީ ރައީސް ސޯލިހު ކަމަށެވެ.

ސުނާމީގެ ސަބަބުން ކޮޅުފުށީގެ ތިންބައިކުޅަ އެއްބައި ރަށާއި ވަކިވެ ހަލާކުވެގެންދާތީ ކުރީގެ ސަރުކާރުތަކުގައި ރަށުގެ ރައްޔިތުން އާދޭސްކުރި ނަމަވެސް އެކަން އެ ސަރުކާރުތަކަށް ނުފެނުނު ކަމަށް އިމްރާން ވިދާޅުވި އެވެ.

"ފެންނާނެ އެކަކު ނެތް. އަޑެއް އަހާލާނެ ރައީސަކު ވަޒީރަކު ނެތް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ހަތަރު އަހަރު ނުވަނީސް ރަށް ހިމާޔަތް ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.